ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާރކްކުރުމަށް ޚާއްސަ ޕާކިން ޒޯނެއް ޤާއިމްކުރުމަށް މާލެ ސިޓީ ކައުންސިލުން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މި އެއްބްސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ސިފާ މުޙައްމަދެވެ. އަދި އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ޤާއިމްކުރާ މި ޕާކިން ޒޯނަކީ މާލޭ މަގުތަކުން ވެހިކަލްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤާއިމްކުރާ ޒޯނެކެވެ. 150 އަށް ވުރެ ގިނަ އުޅަނދަށް ޕާރކްކުރެވޭނެ ޖާގައާއެކު ޤާއިމްކުރާ މި ޕާކިން ޒޯނުގައި ޕާކް ކުރެވޭނީ ފީ ދައްކައިގެން ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.
ޕީއެސްއެމް ނިއުސްއަށްމަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީ ކުރާ ޕާކިން ޒޯނަކީ ޓެކްސީ ތަކަށާއި ކާރުތަކަށް ޚާއްސަކޮށްގެން ތަރައްޤީ ކުރާ ތަނެއްކަމަށެވެ. މި ޕާކިން ޒޯން ތަރައްޤީކުރަނީ ބްރިޖު ހައިވޭ ހުރަސްކޮށް ހުޅުމާލެއަށް އަރާ ސަރަހައްދުގައެވެ.
ސިފާ ވިދާޅުވީ މާލޭގައި ދުއްވާ ކާރުތަކަށްވެސް ހުޅުމާލޭގެ ޕާކިން ޒޯންގައި ޕާކްކުރެވޭނެކަމަށެވެ. ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު ސްޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ހުސްބިންވެސް ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާރކް ކުރުމަށް ޚާއްސަކޮށްފައެވެ.
މާލޭގައި ޕާކުކުރާނެ ޖާގަ އިތުރުކުރުމުގެގޮތުން ސިޓީ ކައުންސިލުން ދަނީ އެކި ސަރަޙައްދުތަކުގައި ޕާކިން ޒޯންތައް ތަރައްޤީކުރަމުންނެވެ. އަދި މާލޭގައި ދުއްވާ ބައު ވެހިކަލްތައް މަދުކޮށް މާލެއަށް އެތެރެކުރާ ވެހިކަލްގެ އަދަދުވެސް މަދު ކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.