ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމާ ގުޅޭގޮތުން ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. އައިޖީއެމްއެޗުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މިޙަރާކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރުއެވެ.
"ވޯރކް ފޮރ މެންޓަލް ވެލްބީން "ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހިނގާލުން ފަށާފައިވަނީ އަރޓިފިޝަލް ބީޗް ސަރަހައްދުންނެވެ. އަދި ހިނގާލުން ނިންމާލާފައިވަނީ ރަސްފަނު ސަރަހައްދަށެވެ.
ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެހެން ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިޙަރަކާތުގައި ސްކޫލކުދިންނާއި އެކި ޖަމްޢިއްޔާތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ޢާއްމުންވެސް ބައިވެރިވިއެވެ.
މީގެ އިތުރުން މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޙަރަކާތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތްގެ އެޑްމިން އޮފިސަރ ޙަސަން ޝަވަން ވިދާޅުވީ މިހިނގާލުން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީބަލިތަކުގެ މައްސަލަތައް ރާއްޖޭގައި ބޮޑުކަން އަންގައިދީ އެހެން ބަލިތަކަށް ފަރުވާކުރާ ފަދައިން މިބައްޔަށްވެސް ފަރުވާކުރަންޖެހޭކަން އަންގައިދީ ޢާއްމުން ހޭލުންތެރިކުރުންކަމަށެވެ.
މިއހަރުގެ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމާގުޅޭ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "މެންޓަލް ހެލްތް އެވެއަރނެސް އެންޑް ސުއިސައިޑް ޕްރިވެންޝަން"މި ޝިއާރެވެ. މި ޝިއާރުގެ ދަށުން މިހިނގާލުމުގައިވަނީ ނަފްސާނީ ބައްޔާބެހޭ މަޢުލޫމާތުތަކާއި އެކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖްތައް ދީފައެވެ. އަދި ތަފާތު މެސެޖްތައް ހިމަނައިގެން ބެނާތަކާއި ޕޯސްޓަރތައްވެސް ވަނީ ބޭނުންކޮށްފައެވެ.
މި ހަރަކާތުގެ ތެރެއިން ސޯޝަލް ސެންޓަރާއި ރަސްފަންނުގައިވެސް ތަފާތު ހަރަކާތްތައް ކުރިއަށް ވަނީ ގެންގޮސްފައެވެ. އެގޮތުން ނަފްސާނީ ބަލީގެ މަޢުލޫމާތު ދިނުމާއި އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުންފަދަ ޙަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމާ ގުޅޭގޮތުން ކުރިއަށްގެންދާ މިހިނގާލުން ކުރިއަށްގެންދަނީ އައިޖީއެމްއެޗާއި ސިއްޙީ ޚިދުމަތް ދޭ އެހެނިހެންތަންތަން ގުޅިގެންނެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެ އޮކްޓުބަރު މަހުގެ 10ވަނަ ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.