އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގެ މަސައްކަތް ނިންމައި، 21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތަށް ފަށަން ތައްޔާރުވެއްޖެއެވެ.
ސާކްގެ ހަތް ޤައުމުގެ މެދުގައި ބާއްވާ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތަށް އަށްޑޫ ސިޓީގައި މިއަދު ފަށާއިރު، މުބާރާތަށް މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގެ މަސައްކަތް މިހާރު ވަނީ މުޅިންހެން ނިންމާލާފައެވެ. ޖުމްލަ ހަތަރު ކޯޓު ހިމެނޭގޮތަށް ބިނާކުރި އިންޑޯ ހޯލަކީ ބެޑްމިންޓަން އޭޝިއާ އެޕްރުވަލް ޓްރެއިނިން ހޯލެކެވެ. އެގޮތުން މި ހޯލުގެ ފްލޯރިންއާއި، ހޯލުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ބެޑްމިންޓަން އޭޝިއާއިން ކަންޑަޅާފައިވާ މިންގަނޑަށް ފެތޭ ތަކެއްޗެވެ. މި ހޯލުގެ މަސައްކަތް ނިންމާލާފައި މިވަނީ އަމަލީ މަސައްކަތް ފެށިތާ 32 ދުވަހުގެ ތެރޭގައެވެ.
މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފާއިވަނީ ޓީމް އިވެންޓުގެ މެޗުތަކެވެ. އެގޮތުން މިއަދު ރާއްޖެ ވާދަކުރާނީ ޕާކިސްތާނާއި ދެކޮޅަށެވެ. މިމުބާރާތުގައި ސާކް ސަރަހައްދުގެ ހަތް ގައުމުން ޖުމްލަ 56 އެތްލީޓުން ވާދަކުރާނެއެވެ.
މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް މިމުބާރާތް ބާއްވަން ވަނީ ފުރުސަތު ލިބިފައެވެ. ނަމަވެސް މީގެ ކުރިން މުބާރާތް ބޭއްވިފައި ނުވަނީ މިފަދަ އިންޓަނޭޝަަނަލް ބޮޑު މުބާރާތެއް ބާއްވަން އެކަޝީގެންވާ ވަރުގެ ވަސީލަތްތައް ޤާއިމްކުރެވުފައި ނެތިމުން ކަމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.