ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ޖޮގްލިން އިން ދުނިޔޭގެ ރެކޯޑެއް އައްޑޫގައި ޤާއިމުކޮށްފިއެވެ.
ކެނެޑާގެ މަޝްހޫރު ޖޮގްލަރ މިކަލް ކަޕްރެލް އައްޑޫގައި ޤާއިމްކޮށްފައިވަނީ 4 ބޯޅަ އުކަމުން އެންމެ އަވަހަށް 10 ކިލޯމީޓަރުގެ ރޭހެށް ނިންމުމުގެ ރިކޯޑެވެ. ރާއްޖޭގެ ފަތުތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޖޮގްލިންގ އިން މިރެކޯޑު ހަދާފައިވަނީ، އައްޑޫގައި މިއަދު ކުރިއަށްދިޔަ ޓީއެފްޖީ 'ކޮކާ ކޯލާ ރަން އިން އައްޑޫ' ހަރަކާތުގެ ތެރެއިންނެވެ.
މިކަލް ދުނިޔޭގެ ރެކޯޑު ހަދާފައި ވަނީ، 55 މިނެޓް 48 ސިކުންތުގެ ތެރޭގައި މިރޭސް ނިންމައިގެންނެވެ. މިރޭހުގައި މިކަލް ދުވަމުން ދިޔައިރު އޭނާގެ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ދިޔައީ މުޅި ދުވުން އެއްކޮށް ވީޑިއޯ ރިކޯޑް ކުރަމުންނެވެ. އަދި ރެކޯޑު ހެދި ކަމުގެ ހެއްކެއްގެ ގޮތުން އިތުރު ދެ ދުވުންތެރިންވެސް އޭނާއާއެކު ވަނީ ދުވެފައެވެ.
މިރެކޯޑު ހެދުމަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ކަޕްރެލް ބުނެފައިވަނީ، އޭނާ އުންމީދު ކުރިވަރަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް، 1 ގަޑިއިރު ހަމަވުމުގެ ކުރިން ރޭސް ނިންމާލެވުމުން ވަރަށް ބޮޑަށް ހިތް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރޭހުގެ ފުރަތަމަ ކޮޅުގައި ބޯޅަ ތަންކޮޅެއް ގިނައިން ވެއްޓުނު ނަމަވެސް ފަހު ކޮޅުގައި ރަނގަޅަށް ކުރިއަށް ދިޔަކަން އޭނާ ފާހަގަ ކުރިއެވެ.
އެމްއެމްޕީއާރުސީގެ އެހީތެރިކަމާއި އެކު ރާއްޖޭގައި މިކަލް އިތުރު ރެކޯޑެއް އަދި ޤާއިމްކުރާނެއެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައި ޖޮގްލްކުރަމުން އެންމެ ގިނައިން ސިޑިން އެރުމުގެ ރެކޯޑެއް ޤާއިމްކުރުމުގެ މަސައްކަތްކުރާނެއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިފަދަ ރިކޯޑު މުގުރާލުމުގެ ހަރަކާތްތައް ބޭއްވުމަށް ނިންމެވީ، މައިސް ޓޫއަރިޒަމް ރާއްޖޭގެ ތަޢާރަފުކޮށް އެބާވަތުގެ ޓޫރިޒަމް އިން ރާއްޖެއަށް ފައިދާ ހޯދުމަށެވެ. މައިސް ޓޫރިޒަމް އަކީ ތަފާތު އެކި ހަރަކާތްތަކާއި ބައްދަލުވުންތަކާއި ކޮންވެންޝަންތައް ބޭއްވުމުގެ ތެރެއިން ޤައުމުތައް އިޝްތިހާރުކުރުމެވެ.