ޚަބަރު

އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް ސަމާލުވޭ


ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން
ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، "ހައި ސީސްގައި" ނުވަތަ އަވައްޓެރި ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމަކީ ޤާނޫނާއި ޤާވާޢިދާ ޚިލާފުކަމެއްކަން ދިވެހި މަސްވެރިންގެ ސަމާލުކަމަށްގެންނަވާފައެވެ.

ޤާނޫނާއި ގަވާޢިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖޭގެ މައްޗަށް ބައިނަލްއަޤްވާމީ ޤަނޫނުތަކުން ލާޒިމުކުރާ ކަމެއްކަމުން، އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދުން އެޤައުމެއްގެ ހުއްދަނެތި މަސްވެރިކަންކުރުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ އުޅަނދުފަހަރު އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)އިން ބްލެކް ލިސްޓުކުރުމުގެ ފުރުޞަތުވެސް އެބަ އޮތްކަމަށް އެމިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް މިލިސްޓުގައި ދުވަހަކުވެސް ހިމެނިފައިނުވާކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމާމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު މިފަދަ އަމަލެއްގެ ސަބަބުން ބަދަލުވެގެން ގޮސް މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް މިކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތްކަން އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުން ބޭރުން މަސްވެރިކަންކުރަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރާ މެދު މަސްވެރިކަންކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެއިން ފިނިކުރި އަދި ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ހުރިހާ ކަނޑުމަހަކާއެކު މިނިސްޓްރީގެ ފަރާތުން ދޫކުރާ "ކެޗް ސެޓިފިކެޓް"އަކީ ޔޫރަޕަށް މަސް އެތެރުކުރުމުގައި ޔޫރަޕިއަން ކޮމިޝަންގެ ގަވާޢިދުތަކުގެ ދަށުން މިހާރު ލާޒިމުކުރާ ކަމެއްކަމަށެވެ. އެގޮތުން އެ ސެޓިފިކެޓަކީ، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ބެލެހެއްޓިގެންކުރާ މަސްވެރިކަމަކުން ބާނާ މަސް ކަމުގައި ސެޓިފައިކޮށް ދިވެހި ދަޢުލަތުގެ ފަރާތުން ދޫކުރަންޖެހޭ ލިއުމެއްކަމުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބާނާފައިވާ މަސް ފިޔަވައި އެހެން މަހަށް މި ސެޓިފިކެޓް ދޫނުކުރާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ޤާނޫނުގެ ދަށުން، ކޮންމެ ގައުމަކަށްވެސް އެގައުމުގެ ވަށައިގެންވާ 200 މޭލު ސަރަޙައްދުގައިވާ މަހާއި އެހެނިހެން ދިރުންތަކުގެ މައްޗަށް ސިޔާދަތީ ބާރު ލިބެއެވެ. އަދި މިޤާނޫނުގެ ދަށުން، ސަރަޙައްދީ ކަނޑުގެ (12 މޭލާއި ހަމައަށް) ބޭރުގައިވާ ސަރަޙައްދުގައި ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ މައްޗަށް ވަކި ބާރުތަކެއް ހިންގުމުގެ ފުރުޞަތު އޮވެއެވެ.

ދިވެހިރާއްޖޭގެ އިރާއި ހުޅަނގުން 200 މޭލު ސަރަޙައްދެއް މިޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައި އޮތް ނަމަވެސް، ރާއްޖޭގެ އުތުރުގައި އިންޑިއާ އަދި ސްރީ ލަންކާއާއި ދެމެދު 200 މޭލު ސާފުކޮށް ލިބެން ނެތުމުން ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ފުށު އަރާ ސަރަޙައްދު ހަމަހަމައަށް ވަނީ ބަހާލެވިފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އުތުރުގައި މަސްވެރިކަންކުރުމުގައި ރާއްޖޭގެ ސަރަޙައްދު ތެރޭގައި ޙަރަކާތްތެރިވުމަށް ޚާއްސަ ސަމާލުކަމެއް
ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން އިންޑިއާގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 35 ނޯޓިކަލް މޭލުކަމަށެވެ.

ރާއްޖޭގެ މަސްވެރި އުޅަނދެއް މަލިކު ހިމެނޭ ސަރަހައްދުން ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު މި ދޯނީގެ މައްސަލަ ރާއްޖެއާ އިންޑިއާއިން ދަނީ މިހާރު ބަލަމުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 11 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ މި ދޯންޏަކީ ށ. ކޮމަންޑޫ"އަމްބަރީ ނަމަކަސްކިޔާ ދޯންޏެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ދޯންޏާއި، ދޯނީގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.