ޚަބަރު

ފިނިފެންމަލަކުން މުދައްރިސުންގެ އަގުވަޒަން ކުރެވޭތަ؟


މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މީހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޤައުމުގެ މުސްތަޤްބަލުކަމުގައިވާ މިއަދުގެ ކުޑަކުދިން ޢިލްމީގޮތުންނާއި އަޚްލާޤީގޮތުން ތަރުބިއްޔަތު ކުރުމުގެ މުހިންމު ބުރަ މަސްއޫލިއްޔާތު އުފުލާ ބަޔަކީ މުދައްރިސުންނެވެ.

ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާހަމަޔަށް ކިޔަވަމުންދާ އެތައްހާސް ދަރިވަރުންނަކީ އަންނަން އޮތް ޒަމާންތަކުގައި މިޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާ ޙަވާލުވާނެ ބޮޑެތިމީހުންނެނެވެ. އެއީ މިޤައުމުގެ ވެރިންނެވެ. މާދަމާ މިޤައުމު އޮންނާނެގޮތް ބައްޓަންވާނީ، މިއަދު މިދެންނެވި ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.

ތަފާތު މިޒާޖުގެ މިދަރިވަރުނަށް މުދައްރިސުން ކިޔަވައިދެމުންދަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ފިލާވަލުތައް ތައްޔާރުކުރުމާއި ޕޭޕަރު މާކްކުރުމާއި މިނޫނުނަސް އެތައްކަމެއް ރެއާދުވާލު ކުރަމުންދާއިރު އެވެރިންގެ އަގުވަޒަންކުރަންވީ އަހަރަކު އެއްފަހަރަކު ނޫނެވެ.

މުދައްރިސުންގެ އަގުވަޒަންކޮށް އެވެރިންކުރާ މަސައްކަތްތަކަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ ދުވަހަކުހެންމެ ކުރުން މުހިއްމުކަމެކެވެ. އަމިއްލަ ޢާއިލާއާ ދޫކޮށްލުމަށްފަހު އެތައްވަގުތެއްގައި ދަރިވަރުންގެ ކަންކަމުގައި ހޭދަކުރުމަކީ ވަރަށްވެސް ބޮޑު ޤުރުބާނީއެކެވެ.

ކޮންމެ އޮކްޓޫބަރު މަހެއްގެ 5ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެގޮތުގައި ރާއްޖޭގެ ހުރިހާސްކޫލެއްގައިވެސް ފާހަގަކުރަމުންދެއެވެ. އެސްކޫލަކަށް ފާހަގަކުރެވުނު އެންމެ ރަނގަޅަކަށެވެ. ސްކޫލްތައް އެކި ގޮތްގޮތަށް ޒީނަތްތެރިކޮށް އެކިކަހަލަ ހަރަކާތްތައް ހިންގުމަކީ ޒަމާނުއްސުރެ ސްކޫލްތަކުގައި ކުރަމުންދާކަމެކެވެ. ޚާއްސަކޮށް މުދައްރިސުންނަށް އެކި ޒާތްޒާތުގެ މާ ދިނުމަކީ މިފަހަކަށް އައިސް ފެންނަމުންދާ މަންޒަރެކެވެ. އަދި މިދުވަސް ފާހަގަކުރުމަށްޓަކައި މުދައްރިސުންނަށް ސްކޫލްތަކުން ރަތް ދޫލައިގެ މަރުޙަބާއެއްވެސް ކިޔައެވެ.

މިއަހަރުގެ މުދައްރސުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ސްކޫލްތައް ވަނީ ވަރަށްވެސް ޗާލުކޮށް ތައްޔާރުކޮށްފައެވެ. އެއް ސުކޫލަށްވުރެ އަނެއް ސްކޫލް ފެންނަމުންދަނީ ނަލަކޮށެވެ. މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ޚާއްސަ އެސެމްބްލީ ދިނުމާއި އެވޯޑް ދިނުމާއި ޚާއްސަ ހެނދުގެ ނާސްތާވެސް ކުރިއަށްވަނީ ގެންގޮސްފައެވެ. އެހެންނަމަވެސް ސުވާލަކީ މުދައްރިސުންނަށްދޭ މިކުޑަކުޑަ ހަދިޔާއިން ނުވަތަ އުފާފާޅުކުރުމަކުން މުދައްރިސުންގެ އަގުވަޒަން ކުރެވުނީހެއްޔެވެ.

ދިރާސީ އަހަރު ފެށުނުދުވަހަށް ދުވަސްތައް "ރިވައިންޑް" ކޮށްލަބަލާށެވެ. ތިމާގެ ދަރިފުޅުގެ ކްލާސްޓީޗަރުގެ މޫނުމަތީގައި ޒުވާބުކުރީ ކިތައް ބެލެނިވެރިންހެއްޔެވެ؟ ސްކޫލުން ރާވާ ބައެއްކަންކަމުގެ އިންތިޒާމުތަކާމެދު ހިތްހަމަ ނުޖެހިގެން ދަރިވަރުންގެ ކުރިމަތީގައި ސްކޫލުގެ މެނޭޖުމަންޓާމެދު ބަދުބަސް ބުނީ ކިތައް ބައްޕައިން ހެއްޔެވެ؟ ދަރިފުޅުގެ ކިޔެވުމުގެ ކަންކަމުގައި މުދައްރިސުންގެ އިޙްތިރާމް ކުޑަވާގޮތަށް ދަރިފުޅު ކުރިމަތީ ވާހަކަދެއްކި އެކަކުވެސް އެބަހުރިހެއްޔެވެ؟

މިސުވާލުތަކުގެ ޖަވާބު އަމިއްލައަށް ދެއްވާށެވެ. ތިމާގެ ދަރިފުޅަށް މުދައްރިސުންނަށް އިޙްތިރާމްކުރަން ދަސްކުރުމަކީ މުދައްރިސަށް މަލެއް ދިނުމަށްވުރެ މާ މުހިންމުކަމެކެވެ. ދަރިވަރުންނަށް އުނގަންނައި ދޭ މުދައްރިސުންނަށް އިޙްތިރާމްކުރުމަކީ އުނގެނޭ ޢިލްމަށް އިޙްތިރާމް ކުރުމެވެ. އުނގެނޭ ޢިލްމަށް އިޙްތިރާމް ނުކޮށް އެޢިލްމު ޙާސިލެއް ނުކުރެވޭނެއެވެ.