ޚަބަރު

އެމްޑީއެންގެ ރިޕޯޓަކީ ބޭރުޤައުމަކުން ޚަރަދުކޮށްގެން ރާއްޖެއިން އިސްލާމް ދީން ލުހެލަން ހިންގި އަނދިރި ޙަރަކާތެއް - އިސްލާމިކް މިނިސްޓްރީ


އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީ ބޭރު ޤައުމަކުން ޚަރަދުކޮށްގެން އިސްލާމް ދީން ލުހެލަން ހިންގި އަނދިރި ހަރަކާތެއްކަމަށާ، އެޢަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުމަކީ އެއްވެސް ޙާލެއްގައި ސަރުކާރުން ބަލައިގަންނާނެ ކަމެއްނޫންކަމަށެވެ. 2016ގައި އެ ރިޕޯޓް ޢާންމުކުރިނަމަވެސް އެރިޕޯޓުގައިވާ ކަންކަން މިހާރު ފެންމަތިވެފައިވާއިރު، ކޮންމެ މުސްލިމެއްގެ އީންމާންކަން ފުރިހަމަވަނީ ކީރިތި ރަސޫލާއަށް ލޮބުވެތިވެގެންކަމަށާއި، ދީނަށް ފުރައްސާރަކޮށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުއަޅުއްވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާގޮތަށް ދެކެވޭ ވާހަކަތަކާއި، ދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކަތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އެއްގޮތަކަށްވެސް ބަލައިނުގަންނާނެ. މިގޮތަށް އަމަލު ކުރާ ފާރާތްތަކާއިމެދު ކަމާބޭހޭ ފަރާތްތަކަށް ހުށައަޅައިގެން ދޭންޖެހޭ އަދަބެއް ދިނުމަށް މަސައްކަތްކުރާންން" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވަނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާ، ދީނާ ފުށުއަރާ އެއްވެސްކަމެއް ނުކުރުމަށް އެބްމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ރިޕޯޓާގުޅިގެން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ، އެރިޕޯޓުގައިވާ ކަންކަން ސޯޝަލް މީޑިއާގައި ޢާންމުވި ހިސާބުން ފެށިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަން ފަށާފައިވާކަމަށެވެ.

އެރިޕޯޓް ނެރެފައިވަނީ ބޭރު ޤާއުމަކުން ފަންޑުކޮށްގެންކަން މިހާތަނަަށް އެނގިފައިވާކަމަށާ، މިއީ ދިރާސާއެއްކުރުމުގެ ނަމުގައި ބަޔަކު އިސްލާމް ދީނާމެދު ޝައްކުއުފައްދަން ކޮށްފައިވާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. މިދިރާސާގައި ސުވާލު އުފައްދާފައިވާ ކަންކަމާމެދު ދީނީ އިލްމުވެރިއެއްގެ ބަސް ހޯދާފައި ނުވުމާއި، ކަންކަމާމެދު އަމިއްލައަށް ގޮތްނިންމާފައިވާ މިރިޕޯޓަކީ އިސްލާމް ދީން ލުހެއްލުމަށް ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަމަށް އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެރިޕޯޓު އިތުރަށް ބެލުމައްފަހު އެއާގުޅޭ ދިރާސާކޮށް މިނިސްޓްރީން އެކަމުގެ ޙަޤީގަތް ހާމަކުރާނެކަމަށެވެ. އެރިޕޯޓްގައި ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމްގެ ސީރަތު ކޮންމެހެން ކިޔަވައިދޭން ނުޖެހޭނެކަމަށް ނުވަތަ އެއީ ހައްދުފަހަނައަޅައިދިމުށް ދާންއޮތް މަގެއްކަމަށް ވިސްނުވައިދޭން މަސައްކަތް ކޮށްފައިވާކަމަށާ، މިއީ ވަރަށް އަނދިރި ހަރަކާތެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެން މީތި ކިޔާލީމަ ވަރަށް އަނދިރި ހަރަކާތެއްގެ ގޮތުގައި މިފެންނަނީ، ހަމަ ވަރަށް ނުބައި ވިސްނުމެއްގައި އިސްލާމްދީން ލުހެލުމަށް އެފިކުރުމިއީ. ދަންނަވަންތޯ އިއްޔެގައި އަޅަގަނޑުމެންގެ ތެރޭގައި ހިންގާދިޔަ ކާރިސާއަކީ މިކާރިސާއާ އަޅާބަލާއިރު އެއްވެސްކަމެއް ނޫން. އެއީ އެފަދަ ކާރިސާތަކަށް ފަންޑެއް ހޯދައިގެން އާއިލާތަކަށް އެހީވެވިދާނެ. އެހެންކަމަވެސް ދަންނަވަންތޯ މިކަހަލަ ފިކުރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަން އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގެންފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެ. އެއީ 2.5 މިލިޔަން ރުފިޔާއިން ސަލާމަތްކުރެވޭނެ ކަމެއްނޫން" ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދިވެހިން ބަލައިގަންނާނެކަމެއް ނޫންކަމަށާ، މިކަމާގުޅިގެން ކޮންމެ ބޭފުޅެއްގެވެސް ޢަމަލުތައް ބަހައްޓަންވާނީ އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ދީނުގައި ޢަމަލުކުރާ ރިވެތި އުސޫލުތަކާ އެއްގޮތަށްކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ 2016ވަނަ އަހަރުވެސް ދީނީ ޖަމްއްޔާއަކުން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާ، ކުރިން މިކަމަށް ސަމާލުކަން ނުދިން ނަމަވެސް އަދުގެ ސަރުކާރުން އިސްލާމްދީން ދިފާޢުކޮށް ނަގަހައްޓާނެކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. އަދި މިފަދަ އަނދިރި ފިކުރުތަކުން އަރައިގަތުމަށް ދީނީ އިލްމުވެރިންވެސް ގުޅިގެން މަސައްކަތްކުރުމަށް އެމިނިސްޓްރީން ވަނީ ގޮވާލައްވާފައެވެ.

މިފަދަ ޙާލަތްތަކުގައި ހަރުކަށިކަމަށް ހިތްވަރުނުދިނުމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ތަފާތު މަސައްކަތްތަކެއް ކުރާނެކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.