ކުޅިވަރު

ޒޯން ޗެމްޕިއަންސް ލީގުވެސް ބަނޑޮސް މޯލްޑިވްސްއިން ކާމިޔާބުކޮށްފި


ވަން އެންޑް އޮންލީ ރީތިރަށް ބަލިކޮށް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު ބަނޑޮސް މޯލްޑިވްސްއިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަން ބަނޑޮހުން، ޒޯން ޗެޕިއަންސް ލީގުވެސް ކާމިޔާބުކުރި ފައިނަލުގައި ވަން އެން އޮންލީ ރީތިރަށުގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ. ޒޯން އެކެއްގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މިދެޓީމެވެ. އެ މެޗުވެސް ބަނޑޮހުން ކާމިޔާބުކުރީ 3-1ސެޓުންނެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ބަނޑޮހުން ކާމިޔާބުކުރީ 25-18 އިންނެވެ. މުޅި މެޗުގައިވެސް އެންމެ ވާދަވެރިކޮށް ފެނުނީ ދެވަނަ ސެޓެވެ. ރީތިރަށުން ލީޑުގައި ކުޅެމުން ދަނިކޮށް ބަނޑޮހުން ފަހު ވަގުތު ލީޑު އަތުލައި ސެޓު ކާމިޔާބުކުރުމާއި ގާތަށް ޖެހިލިއެވެ. ނަމަވެސް އެޓީމަށް ހެދުނު ގޯސްތަކުގެ ބޭނުންހިފައި ދެވަނަ ސެޓު ރީތިރަށުން ކާމިޔާބުކުރީ 30-28 އިންނެވެ.

ދެވަނަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު ރީތިރަށުން ކާމިޔާބުކުރި ނަމަވެސް ފަހު ދެސެޓު ބަނޑޮހުން ކާމިޔާބުކޮށް ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއެވެ. އެގޮތުން ތިންވަނަ ސެޓު ބަނޑޮހުން ކާމިޔާބުކުރީ 25-20 އިންނެވެ. އަދި ހަތަރު ވަނަ ސެޓު ބަނޑޮހުން ކާމިޔާބުކުރީ 25-19 އިންނެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ބަނޑޮސް މޯލްޑިވްސްގެ ކޯޗް މުޙައްމަދު ސާޖިދް ބުނީ، ދެމުބާރާތުގެ ޗެމްޕިއަންކަން ލިބުމަށްވުރެ ބޮޑަށް އެއްވެސް މެޗަކުން ބަލިނުވެ ދެމުބާރާތް ކާމިޔާބުކުރެވުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަނެއްކޮޅުން ޒޯން އެކެއްގެ ފައިނަލުގައިވެސް ރީތިރަށާއި ދެކޮޅަށް ކުޅެން ޖެހުމުން ތިން ފަހަރު އެއްޓީމެއް ބަލިކުރުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް މުހައްމަދު ސާޖިދު ބުންޏެވެ.

"ވަރަށް އުފާވެއްޖެ ފުރަތަމަ ކަމަކަށް މެޗަކުން ބަލިނުވެ ދެމުބާރާތްވެސް ކާމިޔާބުކުރެވުނީމަ. މިތަޖުރިބާ އަޅުގަނޑުމެން މީގެ ކުރިން އަހަރުވެސް ކުރިން، އެއީ އެއްޓީމެއް ތިންފަހަރު ބަލިކުރުން މިއީ ފަސޭހަކަމެއް ނޫން. އަނެއްކޮޅުން މެޗު ކުޅެންޖެހުނީ ވާރޭގަ. ސެޓިންތަކާ ރިސީވަތަކުގަ ވަރަށް އުންދަގޫވާނެ ފެންހުރީމަ، އެކަމު ކުޅުންތެރިންގެ ފަރާތުން ފެށުނީއްސުރެ ފެނުނީ ދެމުބާރާތްވެސް ކާމިޔާބުކުރަން ބޭނުންވެފައިތިބި ރޫހު" މުޙައްމަދު ސާޖިދު ބުންޏެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަގެ މަޤާމާއި މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރއަކަށް ހޮވުނީ ބަނޑޮސް މޯލްޑިވްސްގެ އިސްމާއިލް ސާޖިދްއެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ރީތި ރަށުގެ އާދަމް ނަސީމްއެވެ. ބެސްޓް ސެޓަރަކަށް ހޮވުނީ ބަނޑޮސް މޯލްޑިވްސްގެ ތަޖުރިބާކާރު ސެޓަރ އިޝާން މުހައްމަދުއެވެ. ބެސްޓް އޮޕޮސިޓް ޕްލެޔަރ އަކަށް ހޮވުނީ ބަނޑޮސް މޯލްޑިވްސްގެ ޒުވާން އުންމީދީ ކުޅުންތެރިޔާ ހުސައިން ރަޒާންއެވެ. ބެސްޓް މިޑްލް ބްލޮކަރ އަކަށް ބަނޑޮހުގެ މުޙައްމަދު އަހުސަން ހޮވުނުއިރު ސެކަންޑް ބެސްޓް ބްލޮކަރ އަކަށް ހޮވުނީ ރީތިރަށުގެ ހުސައިން އިބްރާހިމްއެވެ. އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ރީތިރަށުގެ ތަޖުރިބާކާރު ލިބަރޯ އަހުމަދު ނަބީލްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮސް ކޯޗް މުޙައްމަދު ސާޖިދްއެވެ.