ޚަބަރު

އައްޑޫސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކުން މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި


އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 4 ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އިއްޔެެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ އައްޑޫ ސިޓީގެ ގިނަ ގެތަކަކަށް ވަނީ ގެއްލުން ވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީ ކައުންސިލުގެ މޭޔަރ ވިދާޅުވީ، މިހާތަނަށް ގެއްލުންވި ގެތަކުގެ ސީދާ އަދަދެއް ދަންނަވަން ދަތި ނަމަވެސް އައްޑޫގެ %20 ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 4 ގެއެއްގައި ދިރިއުޅުނު އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލު ކޮއްދީފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫސިޓީގެ %60 މީހުންނަށް މިވިއްސާރައިގެ އަސަރު އެކި މިންވަރަށް ކޮށްފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލުމާތުދެއެވެ. ފުލުހުން ވިދާޅޫވީ މިހާތަނަށް އެހީތެރިކަމަށް އެދުނު ގެތަކުގެ ތެރެއިން 140 އަށްވުރެ ގިނަ ގެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ވިއްސާރައިގައި ފެންބޮޑުވެ ބައެއް ގެތަކުގައި ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެފައިވާއިރު، ބައެއް ގެތަކުން އަދިވެސް ފެންހިންދުމާއި އިތުރަށް ފެން ވަނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ލިބިފައި ނުވި ނަމަވެސް ފެންވަން ގެތަކުގެ ރައްޔިތުން ވަނީ ފާޙާނާ ނިޒާމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަ ކޮށް ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިކަން ސިޓީ ކައުންސިލުންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އައްޑޫސިޓީގެ ގިނަ މުޢައްސަސާތަކުން ދަނީ ފެން ހިއްކުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލާއި އަވަށު އޮފީސްތަކާއި، އެމްއެންޑީއެފާއި ފުލުހުންނާއި، ދިވެހި ރެޑް ކްރެސެންޓާއި އެމްއެންސީސީ އިން ދަނީ ހަރަކާތްތެރިވަމުންނެވެ.