ޚަބަރު

އައްޑޫ ސިޓީން ފްލެޓް ލިބުނު ފަރާތްތައް އެގްރީމެންޓުގައި ސޮއިކުރަން ފަށައިފި


އައްޑޫސިޓީން ދޫކުރި ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރިމެންޓު ތަކުގައި ސޮއި ކުރަން ފަށައިފިއެވެ.

ސަރުކާރުން ވަނީ އައްޑޫސިޓީ ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް އިމާރާތްކޮށްފައެވެ. ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދަނީ އައްޑޫސިޓީ ކައުންސިލް އިދާރާގައި ހައުސިންގް މިނިސްޓްރީގެ ޓީމަކުންނެވެ.

ހައުސިންގް މިނިސްޓްރީން ވިދާޅުވީ، އެގްރިމެންޓް ތަކުގައި ސޮއި ކުރުމުގެ މަސައްކަތް މިހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ނިންމާލެވޭނެ ކަމަށެވެ. ފްލެޓްތަކުގެ އެގްރީމެންޓުގައި ސޮއި ކުރަނީ ޑައުން-ޕޭމެންޓު ނުވަތަ ޑައުން ޕޭމެންޓުގެ އެއްބައި ދެއްކުމަށް ފަހުގައެވެ. އަދި ޑައުންޕޭމެންޓުގެ ދެވަނަ ބައި ފްލެޓާއި ހަވާލުވާތާ 60 ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ.

ފްލެޓް ތަކުގެ އެގްރީމެންޓާއެކު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތަޅުދަނޑި ހަވާލުކުރެވޭ ފްލެޓްތަކަށް ހައުސިންގ މިނިސްޓްރީގެ ބޭފުޅަކު އެ ފްލެޓެއްގެ ވެރިފަރާތާއެކު ގޮސް އެއްވެސް މައްސަލައެއް ހުރިނަމަ އެކަން ބަލައި ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ފެނާއި ނަރުދަމާ ގުޅުމަށް އެއްވެސް ޚަރެދެއް ކުރަން ނުޖެހޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުން މިހާރު ދަނީ މިފްލެޓްތަކަށް މިމަސް ނިމުމުގެ ކުރިން މީހުން ވެއްދޭތޯ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ފްލެޓް ތަކުގައި ކުރަމުންދަނީ އެ ސަރަހައްދުގެ ލޭންޑްސްކޭޕިންގގެ މަސައްކަތެވެ.