ޚަބަރު

ބްރިޖްގެ ސައިޓް ހެދުމަށްޓަކާ ގާޑިއާތައް ނަގައިފި


ބްރިޖްގެ
މަސައްކަތްކުރުމަށްޓަކައި މާލޭ އިރު ދެކުނު ފަރާތުގައި ހުރި ގާޑިޔާތައް ނަގައި
އެސަރަހައްދު ހުސްކޮށްފިއެވެ. ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު
ވިދާޅުވީ، އެސަރަހައްދުން ގާޑިޔާތައް ނަގާފައިވަނީ، ބްރިޖާއި ގުޅޭ ބައެއް
މަސައްކަތްތައްކުރުމަށްކަމަށެވެ. ސަރުކާރުންވަނީ، ބްރިޖްގެ އަމަލީ މަސައްކަތް
ކުރުމަށް ބްރިޖް އަޅާ ޓީމުން ބޭނުންވެގެން އެމީހުންގެ ސައިޓްތައް ގާއިމްކުރުމަށް
ތިން ސަރަހައްދެއް ދޭން ނިންމާފައެވެ.



އެއީ ހުޅުލޭގައި ގާއިމްކުރާ
ސައިޓާއި، މާލޭގެ ސައިޓްގެ އިތުރުން ބްރިޖްގެ ސާމާނުތައް އަތުރާ ރޭވުމަށް ހުޅުމާލޭގައި
ބޭނުންވާ ސައިޓެވެ.



މާލެއިން ސައިޓް ގާއިމްކުރުމަށް
ކަނޑައަޅާ ބިމަކީ ލޮނުޒިޔާރަތްކޮޅު އަޑިޕާކު ސަރަހައްދެވެ. އެސަރަހައްދުން ގާޑިޔާތައް
ނަގާފައިވާއިރު، ސައިޓް ގާއިމްކުރުމުގެ މަސައްކަތް އެތަނުގައި ކުރެވޭނެކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. އެސަރަހައްދުގައި ސައިޓް ގާއިމްކުރާއިރު، ޓްރެފިކަށް ބަދަލުތަކެއް
ގެންނަންޖެހޭނަމަ އެކަންވެސް އާންމުންނަށް ދަތިނުވާގޮތަށް ކުރައްވާނެކަމަށް
މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ. ހުރިހާ ސައިޓްތައް އޮކްޓޫބަރު މަހުގެ
ނިޔަލަށް ގާއިމު ކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



މާލޭ އިރު ދެކުނު
ފަރާތުން ގާޑިޔާތައް ނަގާފައިވާއިރު، އެސަރަހައްދު މޫދުގައި ހުރި ސުނާމީ ބިނާ
އެތަނުން ނެގުމަށްފަހު މާލޭގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށްވެސް
ސަރުކާރުންވަނީ ނިންމަވާފައެވެ.