ވިޔަފާރި

އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް 3 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފި


އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް 3 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ފްލައިން ސްކޫލު ހިންގުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅު ކޮށްފައި ވާކަމަށެވެ. އެގޮތުން 8 ފަރާތަކުން ޝައުގު ވެރިކަން ފާޅު ކުރި ކަމަށާއި، އޭގެ ތެރެއިން ޕްރޮޕޯސަލް 3 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މަޢުލޫމާތުދެެއެވެ.

އައްޑޫ އިންޓަނޭޝަނަލް އޭއާޕޯޓުން ވިދާޅުވި ގޮތުގައި ފްލައިން ސްކޫލު ހިންގުމަށް ލަންކާ، ޔޫކޭ އަދި ޖަރުމަނުގެ އިތުރުން ރާއްޖޭގެ ފަރާތަކުންވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް އެފަރާތުން ހާމަ ކޮށްފައި ނުވެއެވެ.

ފްލައިން ސްކޫލު ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިކަމަށް ހުޅުވާލި ފުރުސަތުގެ މިއަހަރުގެ އޮގަސްޓުމަހު 4 ވަނަ ދުވަހު ވަނީ ބަންދު ކުރެވިފައެވެ.

އައްޑޫސިޓީ ގަމުގައި 2010 ވަނަ އަހަރުން ފެށިގެން އޭޝިއަން އެކަޑަމީ އޮފް އޭރޮނޯޓިކްސްގެ (އޭ.އޭ.އޭ) ނަމުގައި ފްލައިން ސްކޫލެއް ލަންކާގެ ފަރާތަކުން ދަނީ ހިންގަމުންނެވެ. ނަމަވެސް މިތަނުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެ އާ އެއްބަސްވުމެއް އެކުލަވާލުމަށް ސަރުކާރާއެކު އޭއާޕޯޓާއި އަދި އޭއޭއޭ އިން ކުރި މަޝްވަރާތަށް ވަނީ ނާކާމިޔާބު ވެފައެވެ. މިކަމާއި ގުޅިގެން އޭ.އޭ.އޭއިން ބުނެފައިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިން ސްކޫލު ހިނގުމަށް ހުށަހެޅި ކުލި މާބޮޑު ކަމަށެވެ.

މިއަންނަ އަހަރު ޖުލައިމަހަށް ފްލައިން ސްކޫލު ހުއްޓާލަން އޭއޭއޭ އިން ނިންމާފައިވާއިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ފްލައިން ސްކޫލު މިހާރު ހިންގަމުންދާ އޭ.އޭ.އޭ އިން ދަނީ ނ. މާފަރަށް ފްލައިން ސްކޫލު ބަދަލުކުރުމަށް ތައްޔާރު ވަމުންނެވެ.