ޑިސިޕްލިނަރީ މައްސަލައަކާއިހުރެ ގައުމީ ސްކޮޑުން ބާކީކުރި ދެ ފޯވާޑުން ކަމަށްވާ އަހުމަދު ރިޒުވާން އާއި އަލީ ފާސިރު އަށް އަލުން ޤައުމީ ސްކޮޑުން ޖާގަދީފިއެވެ.
އީގަލްސްގެ ދެ ކުޅުންތެރިން ޤައުމީ ސްކޮޑުން ބާކީކުރީ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ގުއާމް އާއި ދެކޮޅަށް ވާދަކުރި މެޗައް ނެގި ޤައުމީ ސްކޮޑުގައި ހިމެނި ޤައުމީ ޓީމާއިއެއްކޮށް ގުއާމްއަށް ގޮސްފައިނުވާތީއެވެ. މިމައްސަލަ އެފްއޭއެމުން ބަލައި އެއިދާރާއިން ވަނީ ކޮންމެ ކުޅުންތެރިއަކު ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިއެވެ. އަދިޖޫރިމަނާގެ ފައިސާ ނުދައްކަނީސް ލީގުގެ އެއްވެސް މެޗެއްގައި ދެކުޅުންތެރިންނަށް ނުކުޅެވޭގޮތަށް ސަސްޕެންޑްވެސް ކުރިއެވެ.
މީގެ އިތުރުން މިސަބަބާއިހުރެ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮއިންޓް ކޮލިފިކޭޝަން ޕްލިމިނަރީ ބުރުގައި ޗައިނާ އާއި ދެކޮޅަށް ރާއްޖޭގައި ގައުމީ ޓީމް ވާދަކުރި މެޗުގައި އެދެކުޅުންތެރިން ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް ދެކުޅުންތެރިން ފަހުން ވަނީ މަޢާފަށްއެދި ޤައުމީ ޓީމަށް އަލުން ކުޅެން ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.
ސަސްޕެންޝަނަށްފަހު ދެކުޅުންތެރިންވެސް ގައުމީ ސްކޮޑުގައި ހިމެނި މިއަދު ވަނީ ޓްރެއިނިންގ ކޭމްޕުގައި ބައިވެރިވުމަށް ޓީމައިއެކު މެލޭޝިއާއަށް ފުރާފައެވެ. މެލޭޝިއާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ކޭމްޕަކީ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ޕްލިމިނަރީ ބުރުގައި އަންނަމަހު ފިލިޕީންސް އާއި ގުއާމް އާއި ދެކޮޅަށް ވާދަކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެކެއެވެ