ވިޔަފާރި

އަންނަމަސް ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ގެނެވޭނެ - އެމްއެމްޕީއާރުސީ


ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ފަތުރުވެރިކަމެވެ. މި ސިނާއަތް ކުރިއެރުވުމަށް ކޮންމެ އަހަރެއް ފެށުމުގެ ކުރިންވެސް ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައެވެ. މިއަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ކަނޑައަޅާފައިވާ 1 ލަނޑުދަނޑިއަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ޓޫއަރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރަމުން އަންނަ ތަފާސް ހިސާބުތަކުންވެސް މި އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ އަހަރު ނިމުމުގެ މާކުރިން މި އަމާޒަށް ވާސިލްވެވޭނެކަމުގައި ވިދާޅުވެފައެވެ.

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، އަންނަ މަހުގެ ފަހުކޮޅު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނެވޭނެކަމަށެވެ. އަދި މި ތާރީޙީ އަދަދު ހަމަކޮށްދޭ އެއަރލައިނަކަށް ގަލްފް އެއަރ ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އޮގަސްޓް މަހާއި ހަމައަށް ރާއްޖެއަށް ސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ އަށްޑިހަ އަށްފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 1.5 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުވެފައިވާއިރު، މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވައުދުވި މައިގަނޑު ހުރިހާ ކަމެއް ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިކަންކަން ހާސިލްކުރުމަށް ސިނާއަތުގެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ސިނާއަތުގެ ހުރިހާ އެސޯސިއޭޝަންތަކާއި، ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައްދައްކާގޮތުން 2018 ވަނަ އަހަރު ރާއްޖެއަށް އެކެއް ޕޮއިންޓް ހަތަރެއް މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެތެރެއިން ހަތް ލައްކަ ހަތްދިހަ ހަތަރުހާސް ފަތުރުވެރިން ނުވަތަ ފަންސާސް ދެ އިންސައްތައަކީ އަންހެން ފަތުރުވެރިނެވެ. އަދި ހަތްލައްކަ ދިހަ ހާސް ފަތުރުވެރިން ނުވަތަ ސާޅީސް އަށެއް އިންސައްތައަކީ ފިރިހެން ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޙިއްސާއެއް ކޮށްފައިވަނީވެސް ފަތުރުވެރިކަމުންނެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސް އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަން 20.2 އިންސައްތަ ހިއްސާކުރެއެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނެވޭނެކަމަށް މިހާރު ބެލެވިފައިވީނަމަވެސް މިއަހަރު ފަތުރުވެރިކަމަށް ގެއްލުމާވެސް ވަނީ ކުރިމަތިލާންޖެހިފައެވެ. އެމްއެމްއޭއިން ނެރޭ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެގޭ މައިގަނޑު ސަބަބަކީ ރިސޯޓްތަކުގެ އޮފް ސީޒަން ދުވަސްވަރާ ދިމާވުމުމެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ރިސޯޓްތަކަށް ލިބުނު އާމްދަނީ 100 އިންސައްތަ ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ. އެމްއެމްއޭގެ ރިޕޯޓްގައި އޮފް ސީޒަން ދުވަސްވަރާ ދިމާވުމުން، ދެވަނަ ކުއާޓަރުގައި ރިސޯޓް ބުކިންވެސް 86 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. 2 ވަނަ ކުއާޓަރުގައި ގެއްލުމާއި ކުރިމަތިލާންޖެހުނު ނަމަވެސް ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަން ރަނގަޅުވާނެކަމަށް އެމްއެމްއޭގެ ބިޒްނަސް ރިވިއުގައި ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ރާއްޖޭގައި ޙިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމާއި، 2020 އަހަރުން 2025 އަހަރަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާހްކުރުމާއި، ބޭރުގެ މަޝްހޫރު ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމާއި، ކަލްޗަރަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓޫރިޒަމް ފަދަ ކޮންޕޯނަންޓް ފަތުރުވެރިކަމަށް އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.