ކުޅިވަރު

ޤައުމީ މުބާރާތުން ނާބާހާއަށް ޚާއްސަ ކާމިޔާބީއެއް


ސާޅީސް ހަނަވަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ އޯޕަންސް ކެޓަގަރީގައި ކުޅުނު ހުރިހާ އިވެންޓަކުން ނަބާހާ ޢަބްދުލްރައްޒާޤް ޗެމްޕިއަންކަން ހޯދައިފިއެވެ.

ތިން ފައިނަލުގައި ކުޅެ ތިން ތަށި ނަބާހާ އުފުލާލިއިރު މިއީ 46 އަހަރުވީ މުބާރާތުގެ ތާރީޚުގައިވެސް މަދުން ނޫނީ ކުޅުންތެރިއަކަށް ހޯދިފައި ނުވާ ކާމިޔާބީއެކެވެ. އެގޮތުން އޯޕަންސް ކެޓަގަރީގައި ނަބާހާ ވަނީ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އޭނާ ހޯދީ އެއްމާބަނޑު ކޮއްކޮ އާއި ވާދަކޮށް ވާދަވެރި ކުޅުމެއް ދައްކައިގެންނެވެ. އެއްމާބަނޑެއްކަމަކު ވަކި ކުޅުންތެރިއަކަށް ދޫދިނުމެއްނެތި ފައިނަލް މެޗު ކުޅެމުންދިޔައިރު އެންމެގާތުން ދެކުޅުންތެރިންނަށްވެސް ހިތްވަރުދެމުންދިޔައީ ދެބެންގެ މަންމައެވެ.

މެޗުގެ ފުރަތަމަ ސެޓު 21-18އިން ގެންދިޔައީ ނަބާހާއެވެ. ނަމަވެސް ދެވަނަ ސެޓު ފެށިގެން ނަބީހާ ބޮޑު ލީޑެއް ނެގިއެވެ. ފަހަތުންއަރައި ލީޑު އަތުލެވޭތޯ ނަބާހާ މަސައްކަތްކުރި ނަމަވެސް ނަތީހާ ހަމަހަމަކޮށްފައި ވަނިކޮށް ފަހު ވަގުތު 21-18އިން ނަބީހާ ސެޓު ގެންދިޔައެވެ. ނަމަވެސް ތިންވަނަ ސެޓުގައި ދެކުޅުންތެރިންގެ ވާދަވެރިކަންވެސް ވަރަށް ބޮޑަށް ފެނުނު. އެގޮތުން ގާތްގާތުގައި ޕޮއިންޓްތަށް ހޯދަމުންގޮސް ފަހު ވަގުތުގައި ނަބީހާއަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ނަބާހާ ވިދިވިދިގެން ދެވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދިއެވެ.

އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ނަބާހާ އާއި ނަބީހާގެ ޕެއާއިން ހޯދީ ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު ނީލާ ނަޖީބް އާއި ޝަހުރުނާޒްގެ ޕެއާގެ މައްޗަށް 2-1ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދާވެރި ކުޅުމަކަށްފަހު 21-18އިން ގެންދިޔައީ ނަބާހާ އާއި ނަބީހާގެ ޕެއާއިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައިގެން ނީލާ އާއި ޝާހުރުނާޒްގެ ޕެއާއިން ދެވަނަސެޓު އަތުލިއެވެ. ދެވަނަސެޓު ނީލާ އާއި ޝަހުރުނާޒް ގެންދިޔައީ 21-19އިންނެވެ.

ތިންވަނަ ސެޓުގައިވެސް ނީލާ އާއި ޝަހުރުނާޒް ވަނީ މޮޅު ކުޅުމެއް ދައްކާފައި، ނަމަވެސް ނާބާހާ އާއި ނަބީހާގެ ކޮންބިނޭޝަން ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން 21-19އިން މިސެޓު ގެންގޮސް މިބައިގެން ޗެމްޕިއަންކަން ނަބާހާ އާއި ނަބީހާގެ ޕެއާއިން ހޯދިއެވެ.

ނާބާހާގެ ކާމިޔާބީއަށް އިތުރު ފުރިހަމަކަމެއް ގެނެސްލީ މިކްސް ޑަބަލްސްގެވެސް ޗެމްޕިއަންކަމާއި އެކުގައެވެ. ނަބާހާ އާއި ޒަޔާންގެ ޕެއާއިން މިބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަސޭހަކަމާއިއެކު ހަސަން އަފްޝީން އާއި ނީލާ ނަޖީބްގެ ޕެއާގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތަށް ނަބާހާ އާއި ޒަޔާންގެ ޕެއާއިން ގެންދިޔައީ 21-15 އަދި 21-10އިންނެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން ނަބާހާ ބުނީ މިއީ އޭނާ ވަރަށް ގަދައަޅާ ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، މިއަހަރުގެ ކުރީކޮޅުގައި ތަންކޮޅެއް ފޯމު ދައްކޮށް ހުރިނަމަވެސް މިކާމިޔާބީއާއިއެކު ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެކަމަށެވެ. އަދި އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ދިފާއު ކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަހުނު ކަމަށާއި އެތައްޓަކީ އޭނާގެ ހައްގެއް ކަމަށްވެސް ނަބާހާ ބުންޏެވެ.

"ފުރަތަމަ ސިންގަލްސް މެޗަށް ނިކުތް އިރުގައިވެސް ވަރަށް ބޮޑު ޔަގީންކަމެއް އޮތް މޮޅު ވެވޭނެކަމުގެ. އެއީ އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުގެ ހައްގެއް. ޚާއްސަކޮށް ތިން އިވެންޓުގެ ތިން ތަށި އެއްފަހަރާ މި ކާމިޔާބުކުރެވުނީ ވަރަށް މަސައްކަތުން. ވަރަށް ބޮޑަށް ގަދައަޅާ ކުރި މަސައްކަތުން" ނަބާހާ އަބްދުލްރައްޒާގް ބުންޏެވެ.