އިސްލާމީ ޔުނިވަރސިޓީން ހުޅުމާލޭގައި ޢިމާރާތްކުރަން ނިންމާފައިވާ ވަޤުފު ޢިމާރާތުގެ ކުރެހުން ނިމިފައިވާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.
އެޔުނިވަރސިޓީގެ ޓްރަސްޓް ފަންޑުން ހުޅުމާލެއިން ގަނެފައިވަނީ 4300 އަކަފޫޓުގެ ބިމެކެވެ. ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ހުޅުމާލެއިން ގަނެފައިވާ ބިމުގައި ޢިމާރާތްކުރަން ހަމަޖެހިފައިވަނީ ހަތް ފަންގިފިލާގެ ވަޤުފު ޢިމާރާތެއްކަމަށެވެ. މިއީ ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ އެޔުނިވަރސިޓީ އަމިއްލަ ފައިމަށްޗަށް ތެދުވުމަށް ކުރެވޭ މަސައްކަތެއްކަމަށް ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. މިޢިމާރާތުން ލިބޭ ޢާމްދަނީން އައީޔޫމްއިން ދޭ ތައުލީމު ފުޅާކޮށް ރަށްރަށުގައި އިތުރު ކެމްޕަސްތައް ހެދުމަށް ވަނީ ނިންމާފައެވެ.
މިއިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިމިފައިވާކަމަށާއި ޢިމާރާތުގެ މަސައްކަތަށް އޯއިސީގެ ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަންނަ އހަރުގެ ކުރީކޮޅު މަސައްކަތް ފެށުމަށް އެފަރާތްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޝްރޫޢު ލަސްވެގެންދާ މައިގަނޑު ސަބަބަކީ އެމީހުން ހުށަހަޅާ ބައެއްކަންކަން ފުރިހަމަ ކުރަންޖެހޭ. އެބޭފުޅުން އެތަން ތަރައްގީކުރަން ހުށަހެޅީ ވަގުފު ފަންޑެއްގޮތުގައި .އެހެންކަމުން އައިޔޫއެމްގެ ދަށުގައި ވަގުފު އެސްޓެބްލިޝްމަންޓެއް އޮންނަން ޖެހޭނެކަން ކަށަވަރުކުރަން ޖެހޭ." ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.
މި ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ އެޔުނިވަރސިޓީގެ ފުރަގަހުން އޮތް ހުސްބިން އެޔުނިވަރސިޓީއާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެތަނުގައިވެސް 7 ފަންގިފިލާގެ ޢިމާރާތެއް ހަދަން ނިންމާފައިވާކަމަށާ، އެޢިމާރާތުގެ ކުރެހުންވެސް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ މައި ޢިމާރާތަކީ 2013ވަނަ އަހަރު ކުރީގެ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ނިޒާމީ ބައިގެ ސްކޫލްކުދިންނަށް ކިޔަވައިދިނުމަށް ހަދާފާއިވާ އިމާރާތެކެވެ. އަދި އެތަން 2015 ވަނަ އަހަރު ޔުނިވަރސިޓީއަކަށް ބަދަލުކޮށް އަންނަނީ ފުޅާދާއިރާއެއްގއި ހިންގަމުންނެވެ.