ޚަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ފޮނުވައިފި


ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޞާލިޙް ކުރެއްވި ޓުވީޓުގައިވަނީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް ވަނީ އަރިސް ކުރައްވާފައެވެ. އަދި ޤައުމަށްޓަކައި ޝަހީދުވެދިޔަ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ ތިން ވަނަ ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފަހުގެ ތާރީޚެއްގައި ދިވެހިންގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކުރިމަތިވެގެން ދިޔަ ދުވަސްކަމަށްވާތީއެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.

ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެ ފަތިހު ޕްލޯޓް ޖަމާޢަތުގެ ޢުދުވާނީ ޙަމަލާތަކާ ދިވެހި ސިފައިން ކުރިމަތިލާންޖެހުނީ ކުއްލިއަކަށެވެ. އެފަދަ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ސިފައިންނަށް ކުރިން ލިބިފައެއްނުވެއެވެ.