އެމްޓީސީސީ އިންޓަރ ސްކޫލު ރޯވިންގް ބީޗް ސްޕްރިންޓުގެ އެންމެ ކާމިޔާބު ސްކޫލަކަށް ހިތަދޫ ސްކޫލު ހޮވިއްޖެއެވެ.
އައްޑޫގައި ކުރިއަށް ދިޔަ އެމްޓީސީސީ އިންޓަރ ސްކޫލުގެ ރޯވިންގް ބީޗް ސްޕްރިންޓުގެ އެންމެ މޮޅު ސްކޫލަކަށް ހިތަދޫ ސްކޫލު ވެގެން ދިޔައީ މިހަރަކާތުގައި ބޭއްވި 5 އިވެންޓުގެ ތެރެއިން 3 އިވެންޓު އެސްކޫލުން ކާމިޔާބު ކޮއްގެންނެވެ. އެގޮތުން ހިތަދޫ ސްކޫލުގެ މަރިޔަމް އިބާ އަލީ އަދި މުހައްމަދު އާހިލް އާމިރު މިކްސް އިވެންޓު އެއްވަނަ ހޯދިއިރު، ފިރިހެން ޑަބަލްސް އިވެންޓު އެއްވަނަ ހޯދީ އަހުމަދު އާހިލް އާމިރު އާއި މުހައްމަދު ސަހާއުއެވެ. މީގެ އިތުރުން ފިރިހެން ސިންގަލްސް އިވެންޓު ވެސް ސަހާއު ވަނީ އެއްވަނަ ހޯދާފައެވެ.
ޝަރަފުއްދީން ސްކޫލްގެ މަނާލް ޒާހިދު އާއި ހަނާން މުހައްމަދު ވަނީ، އަންހެން ޑަބަލްސް ކާމިޔާބު އިވެންޓް ކާމިޔާބުކޮށްފަ. މުބާރާތުގެ 3 ވަނަ ހޯދި ފޭދޫ ސްކޫލުންގެ ފާތިމަތު އިބާ ވަނީ އަންހެން ސިންގަލްސް ކާމިޔާބު ކޮއްފައެވެ.
ރޯވިންގް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން ބޭއްވި ފުރަތަމަ ބީޗް ސްޕްރިންޓު ނިމުމުގެ ރަސްމީއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއެވެ. މިރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރޯވިންގް އެސޯސިއޭޝަން އުފެދިގެން މިހާ ހިސާބަށް އައި އިރު، އެސޯސިއޭޝަން އުފެދިގެން އައި މަރުހަލާ ވަރަށް ގާތުން ފެނުނު ކަމަށާއި އެސޯސިއޭޝަނުން މިކަމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކޮއްފައި ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
މިއީ ރާއްޖޭގައި ރޯވިންގް ބީޗް ސްޕްރިންޓް އިންޓަރ ސްކޫލު މުބާރާތެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް އުމުރުފުރާއެއް ބެލުމެއް ނެތި، އޯޕަން ކޮށް ހުޅުވާލައިގެންނެވެ. މުބާރާތުގައި 83 ދަރިވަރުންނާއި 4 ސްކޫލަކުން ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހިތަދޫ ސްކޫލު ޝަރަފުއްދީން ސްކޫލު، ފޭދޫ ސްކޫލު އަދި އައްޑޫ ހައިސްކޫލުންނެވެ. މިއީ ރާއްޖޭގައި ރޯވިންގް ބީޗް ސްޕްރިންޓު ތަޢާރަފު ކުރުމުގެ މަޤްސަދުގައި ބޭއްވުނު މުބާރާތެއް ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެއެވެ.