13ވަނަ މޯލްޑިވްސް މެރެތަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މެދު ކެޑުމަކަށްފަހު ބޮޑު ބަދަލަކާއެކު މޯލްޑިވްސް މެރެތަންގެ ނަމުގައި މިއަހަރު މެރަތަން ބައްވާފައިވަނީ މަޝްހޫރު ދުވުންތެރިޔާ ކުޑަ ޙުސައިނެވެ. މިއަހަރުގެ މެރެތަންގައި ފަސް ސަތޭކައަށްވުރެ ގިނަ ދުވުންތެރިންވަނީ ބައިވެރިވެފައެވެ. 42 ކިލޯމީޓަރު ފުލް މެތަރަންގައި ގާތްގަނޑަކަށް 30 ދުވުންތެރިންވަނީ ދުވެފައެވެ. އަދި 21 ކިލޯމީޓަރު ހާފް މެރަތަންގައި ގާތްގަނޑަކަށް 60 ދުވުންތެރިން ވާދަކުރިއެވެ.
މިއަހަރުވެސް އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވަނީ 10 ކިލޯމީޓަރު ދުވުމާއި މިނީ މެރަތަން އަދި 5ކިލޯމީޓަރު ދުވުމަށެވެ. އެގޮތުން މިނީ މެރަތަންގައި ގާތްގަނޑަކަށް 150 އެއްހައި ދުވުންތެރިންވަނީ ވާދަކޮށްފައެވެ. އަދި 5 ކިލޯމީޓަރުގައި 200އެއްހައި ދުވުންތެރިން ވާދަކުރިއެވެ.
ތޭރަވަނަ މޯލްޑިވްސް މެރަތަންގައި މުޅިން އަލަށް ހިމަނާފައިވާ ކިޑްސް، 2 ކިލޯމީޓަރު ދުވުމަަކީ ބާރަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ތައާރަފްކުރި ބައެކެވެ. މި ކެޓަގަރީގައި 90އަށްވުރެ ގިނަ ކުދިން ވަނީ ދުވެފައެވެ.
ކޮންމެ ގެޓަގަރީއަކުން އަންހެނުންނާއި ފިރިހެނުންގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ދުވުންތެރިން ހޮވިރިއިރު 5 ކިލޯމީޓަރު ދުވުމުގައި 15 އަހަރުން މަތީގެ އަންހެނުންނާއި ފިރހެނުންގެ އެންމެ މޮޅު ތިން ދުވުންތެރިންނާއި 15 އަހަރުން ދަށުގެ އަންހެނުންނާއި ފިރިހެނުންގެ އެންމެ މޮޅު ތިން ދުވުންތެރިން ވަނީ ހޮވާފައެވެ. މިއަހަރުގެ މޯލްޑިވްސް މެރަތަންގައި ރާއްޖޭގެ އިތުރުން 10 ގައުމަކުން ދުވުންތެރިން ވާދަކުރިއެވެ.
މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތު އަލްމަރުޙޫމް ޒާހިރު ނަސީރު އިސްނަންގަވަައިގެން މީގެކުރިންވަނީ މާލެ މެރެތަންގެ ނަމުގައި މެރަތަން ބާއްވާފައެވެ. މިފަހަރުގެ މެރަތަންއަކީ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ މިފަދަ މެރަތަންއެވެ.