ޚަބަރު

2020ވަނަ އަހަރުގެ ބަޖެޓް: 5 ޓަރޝަރީ ހޮސްޕިޓަލް ޤާއިމްކުރުމަށް 140 މިލިޔަން ރުފިޔާ


ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ޤާއިމްކޮށް ތަރައްޤީ ކުރުމަށް 140 މިލިއަން ރުފިޔާގެ ބަޖަޓެއް ކަނޑައަޅައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ކަނޑައެޅި ބަޖެޓުގައި ސިއްޙީ ދައިރާއަށް ވަނީ 4108 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން ސިއްޙީ ވަސީލަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް މުޅި ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. މީގެ ސަބަބުން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ލިބެންފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ގާއިމްކޮށް ތަރައްގީ ކުރުމަށް 140 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޓަރަޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ލ. ގަން އަދި ސ. ހިތަދޫގައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް 51 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ގދ.ތިނަދޫ ޓާރޝަރީ ހޮސްޕިޓަލް ޤާއިމްކުރުމަށް 90 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު 184 މިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށެވެ.

ސިއްހީ ދާއިރާއަށް 4108 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 3541މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މެޑިކަލް ކޮންސިއުމަބަލްގެ ގޮތުގައި 21 އިންސައްތަ ،މުވައްޒަފުންނަށް ކުރާ ޚަރަދުގެ ގޮތުގައި 60 އިންސައްތަ ކަނޑައަޅާފައިވާއިރު 19 އިންސައްތަ ކަނޑައަޅާފައިވަނީ އެހެނިހެން ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 566 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އަންނަ އހަރުގެ ބަޖެޓުގައި ސިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ގޮތުން އާސަންދަ ސްކީމްއަށް 950.8 މިލިއަން ރުފިޔާ ވާނީ ކަނޑައަޅާފައެވެ.

ސިއްޙީ ހިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، މި ދާއިރާގެ ފަންނީ މީހުން ތަމްރީނު ކުރުމަށް ވަނީ ބަޖެޓުކޮށްފައެވެ. މީގެ އިތުރުން، މިއަންނަ އަހަރު ނެޝަނަލް އެމްބިއުލޭޓަރީ ހިދުމަތް ޤާއިމްކުރުމަށާއި، ޤައުމީ ސިއްހީ ވިއުގަ ޑިޖިޓަލައިޒް ކުރާނެ އިންފޮމޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.