ބަންގްލަދޭޝް ބަލިކޮށް އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލާއި ގާތަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމް ޖެހިލައިފިއެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރި ދެވަނަ މެޗުގައި މިއަދު ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދީ ސީދާ ތިންސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއިއެކުގައެވެ. ސެޓު ފެށިގެން ލީޑުގައި ކުޅެމުންގޮސް ރާއްޖެއިން މިސެޓު ގެންދިޔައީ 25-16އިންނެވެ.
މެޗުގައި އެންމެ ވާދަވެރިކޮށް ދިޔައީ ދެވަނަ ސެޓެވެ. ދެވަނަ ސެޓު ފެށިގެން ރާއްޖެ އަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި މުޅި ސެޓު އެއްކޮށް ކަހަލަ ގޮތަކަށް ބަންގްލަދެޝްއިން ކުޅުނީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ސެޓުގެ ފަހުކޮޅުގައި ރާއްޖެއިން ލީޑު އަތުލައި 27-25އިން މިސެޓު ކާމިޔާބުކުރިއެވެ.
ތިންވަނަ ސެޓުގެވެސް ކުރީކޮޅުގައި ރާއްޖެއަށް ގޯސްތަކެއް ހެދުނެވެ. އެގޮތުން ތިންވަނަ ސެޓުވެސް ބަންގްލަދޭޝްއިން ފެށީ ލީޑުނަގައިގެންނެވެ. ނަމަވެސް ރާއްޖެއިން މާ ގިނައިރުތަކެއް ނުވަނީސް ކުޅުން ރަނގަޅުކޮށް ލީޑު އަތުލައި ބަންގްލަދޭޝް ޕްރެޝަރަށް ވައްޓާލިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ ލީޑުގައި ކުޅެމުންގޮސް 25-22އިން ސެޓު ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ އައިމިނަތު އަރީޝާއެވެ.
މިމެޗުން ހޯދި މޮޅާއިއެކު ރާއްޖެއިން ވަނީ މުބާރާތުގެ ފައިނަލާއި ފިޔަވަޅެއް ކައިރިއަށް ޖެހިލާފައެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމަކަށެވެ. އަދި ތިންވަނައާއި ހަތަރުވަނަޖެހޭނީ މުބާރާތުގެ ތިންވަނަ ހޮވާ ޓީމެއް ކަނޑައަޅާ މެޗު ކުޅޭށެވެ.