ވިޔަފާރި

މިމަހުގެ ފަހުކޮޅު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ - ޠައްޔިބު


މިއަހަރު ރާއްޖެ އަންނަ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެ އަންނާނެކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެވެ.

އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ނޫސްވެރިންނަށް ދެއްވަމުން ޡައްޔިބު ވިދާޅުވީ މިއަހަރުގެ ތެރޭ ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވެފައިވާ ވަޢުދު މި މަހުގެ ތެރޭގައި ހާސިލް ވާނެކަމަށެވެ. އެގޮތުން މިމަހުގެ ތިންވަނަ ހަފްތާގައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރާތްކުރާނެކަމަށާއި މިކަން ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

" ކުރިއަށްއޮތީ އުފާވެރި ޚަބަރެއް. އަޅުގަނޑުމެންނަށް އަހަރު ފެށުނުތަނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޓާގެޓެއް ކަނޑައަޅުއްވާފައި. ރައީސް ވިދާޅުވީ 1.5 މިލިއަން ޓޫރިސްޓުން ގެނައުން. އިރާދަކުރެއްވިއްޔާ މިމަހުގައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ. މިކަން އަޅުގަނޑުމެން ވަރަށް ކުލަގަދަކޮށް ފާހަގަކުރާނަން. މިއި ވަރަށް ބޮޑު އުފަލެއް . އެއީ އެއް މަސް ބާކީ އޮތްވައި މިކަން ހާސިލްކުރެވޭތީ." ޠައްޔިބު ވިދާޅުވިއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ވެސް ރިކޯޑު ޢަދަދެކެވެ. ޠައްޔިބު ވިދާޅުވީ ސަރުކާރުގެ އަމާޒަށް ވާސިލްވެ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު އަހަރެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވަނީ މިއީ އައު ސަރުކާރުން ރާއްޖެއަށް ގެނައި ސުލްހަމަސަލަސްކަމާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި ސިނާއަތުގެ އެހެން ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓްތަކުގައި ޕްރޮމޯޓްކުރުމާއި، އައު ވައްތަރުތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުން ހިމެނެއެވެ.