ގޯއެއަރގެ ދަތުރުތައް ޑިސެމްބަރުމަހުގެ ތެރޭގައި އަލުން ރާއްޖެއަށް ފަށަން ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ވަކިވަކި މާކެޓްތައް ކުރިއެރުވުމަށްވެސް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖެއަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު މިކަމުގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް މިހާރު މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިންޑިއާގެ އެންމެ ވަރުގަދަ 3 ސިޓީކަމަށްވާ ދިއްލީ، ބެންގަލޫރު އަދި މުމްބާއީގެ ފުލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ފަށާގޮތަށް މިހާރު ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތުގެ ތެރެއިން އިންޑިއާގެ ގޯ އެއަރއިން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. މި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އިންޑިއާގެ ދިއްލީ، ބެންގަލޫރު އަދި މުމްބާއީގެ ފުލައިޓްތައް ރާއްޖެއަށް ފަށާގޮތަށް މިވަނީ ހަމަޖެހިފައި. މިކަމަކީ އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ފެށުމަކަށް ވެގެންދާނެ. މިހާރުވެސް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ އެތައް ގުނައަކުން އިތުރުވެގެންގޮސްފައި. މިއީ އިންޑިއާގެ އެންމެ ވަރުގަދަ 3 ސިޓީ. މިއާއިއެކު އާދަޔާހިލާފު ބޫސްޓެއް ފަތުރުވެރިކަމަށް އަންނާނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ގޯއެއަރއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. އެ އެއަރލައިނުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެ އެއަރލައިންއިން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް މިއަހަރުގެ ޖުލައިމަހުން ފެށިގެން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ގޯ އެއަރއިން އޭރުކުރި ދަތުރުތަކުގައި މާލެއިން ބެންގަލޫރަށް ހަފްތާއަކު ދެ ދަތުރު، މާލެއިން ދިއްލީއަށް ތިން ދަތުރު އަދި މާލެއިން މުމްބާއީ އަށް ހަތަރު ދަތުރު ކުރިއެވެ. ގޯއޭއާގެ ފްލައިޓްތައް ހުއްޓާލުމުން މާލެއާ ދިއްލީއާ ދެމެދު ޑައިރެކްޓް ފްލައިޓެއް މީހާރު ނޯވެއެވެ.
ގޯ އެއަރއަކީ އިންޑިއާގެ މުމްބާއިގައި ޤާއިމުކޮށް ހިންގާ އެއަރލައިނެކެވެ. މިއީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިނެވެ.