ވިޔަފާރި

1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުޙަބާ ކިޔައިފި


މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިޔާގެ އަންހެނެއްކަމަށްވާ މަރިނާ ކަޒަކޯވާއެވެ. މިއީ މަރީނާ ރާއްޖެ ޒިޔާރާތްކުރާ 7 ވަނަ ފަހަރެވެ. ރާއްޖެއިން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ދިވެހި ސަޤާފީ ހަރަކާތްތަކާއި ބޮޑުބެރާއި އެކުގައެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި، އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހްގެ އިތުރުން ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ، މަރީނާ ކަޒަކޯވާ އަށް ވަނީ އެމްއެމްޕީއާރްސީގެ ފަރާތުން މިރިހި ރިސޯޓުގައި 6 ދުވަސް ވަންދެން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތް ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ވެސް މި ފަތުރުވެރިޔާއަށް ވަނީ އަރުވާފައިވެއެވެ. އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އަންނަ އަހަރު ބާއްވާ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް މަރީނާއަށް ދަޢުވަތުވެސް ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދު ވިދާޅުވީ މިއީ މުޅި ރާއްޖެ ފަޚުރުވެރިވެގެންދާނެ އުފާވެރި ދުވަހެއްކަމަށެވެ. ޡައްޔިބު ވިދާޅުވީ މިއަހަރުގެ ތެރޭ ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒް ހާސިލްކޮށްފައިވަނީ ގާތްގަނޑަކަށް 43 ދުވަސް ކުރިންކަމަށެވެ. އެހެންކަމުން، މިއީ ދިވެހި ސަރުކާރަށާއި އަދި އެމްއެމްޕީއާރްސީއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ޡައްޔިބު ވަނީ ސިފަކުރައްވާފައެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަމާޒެއް 1.5 މިލިއަން ފަތުރުވެރިން މިއަހަރުގެ ތެރޭ ރާއްޖެ ގެނައުމަކީ. މިއަހަރު ފެށުނީއްސުރެން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދިޔަ. މިއީ އަޅުގަނޑުމެން އެންމެންގެ މަސައްކަތާއެކު ކުރެވުނު ކަމެއް. އަޅުގަނޑުމެންނަށް މިކަން ކާމިޔާބު މިކުރެވުނި 43 ދުވަހާއި 10 ގަޑިއިރު ކުރިން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި." ޡައްޔިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެ މިއަދު ފަތުރުވެރިކަމުގައި މިދެކޭ ކުރިއެރުމާއި ކާމިޔާބީއަކީ ރާއްޖެއަށް ސިޔާސީގޮތުން ލިބުނު ހަމަޖެހުމާއި ގުޅިގެން ލިބުނު ކާމިޔާބީއެއްކަމަށެވެ. އެގޮތުން މިއަދު ރާއްޖެއަށް 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައި މިވަނީ ސަރުކާރާއި އެމްއެމްޕީއާރްސީއާއި ގުޅިގެން މިއަހަރުގެ ތެރޭ ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" 1.5 މިލިއަން ފަތުރުވެރިޔާއާއެކު އަޅުގަނޑުމެން އަނބުރާ މި ގެނައީ ގެއްލިވެފައިވާ އެތަށް ރައްޔިތުންނެއްގެ އިތުބާރެއް. އަޅުގަނޑުމެންނަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެން އަހަރުތަކާއި ބަލާއިރު މިއަހަރު އެމްއެމްޕީއާރްސީގެ ހަރަކާތްތައް ވަރަށް ބޮޑުތަން އިތުރުވެގެންދިޔަ. މި ފެނިގެންދަނީ އޭގެ ނަތީޖާ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ރައީސުލްޖޫމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލްވެފައިވާއިރު މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.