މެޗުން މޮޅުވާން ކުޅުންތެރިން ދަސްކުރަންޖެހޭކަމަށް ގައުމީ ފިރިހެން ބާސްކެޓު ބޯޅަ ޓީމުގެ ކޯޗް އެެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުނެފިއެވެ.
އަންނަ މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓް ބޯޅަ ޓީމު މިހާރުދަނީ ޗައިނާގެ ކުންމިންގައި ކޭމްޕު ކުރަމުންނެވެ. ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާއި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީމު 1 ޕޮއިންޓްގެ ތާފާތުން ބަލިވި މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ކޯޗް ކޯރޭ ބެލްސާބުނީ މެޗުން މޮޅު ނުވެވުނު ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އަދި 1 ޕޮއިންޓްގެ ތަފާތުން މެޗުން ބަލިވިނަމަވެސް އެއީ މާބޮޑު މަައްސަލައެއް ނޫންކަމަށާއި މެޗުން މުހިންމުވީ ޓީމްގެ ފާރާތުން ފެނުނު ވާދަވެރި ކުޅުން ކަމަށް ކޯޗް ބެލްސާ ބުންޏެވެ. ކޯޗް ބުނީ ގިނަ ކަންތައްތަކެއް މިހާރު ޓީމްގެ ފާރާތުން ރަގަނޅުކޮށްފައި ވީނަމަވެސް އަދިވެސް ސްކޯ ކުރަން ދަސްކުރަންޖެހޭކަމަށެވެ. ޕްރެޝަރުގައި ސްކޯ ކުރުމަކީ ބާސްކެޓުގައި ވަރަށް މުހިންމު ކަމެއްކަމަށް ކޯޗް ބެލްސާ ބުންޏެވެ.
ކުންމިންގެ ފިނީގައި ރާއްޖޭގެ ކުޅުންތެެރިން ކުޅެން މިހާރު ދަސްކުރަމުންދާކަމަށާއި މެޗުގައި އެއްވެސް ކުޅުންތެރިއަކު ފިނިވެގެން ހުއްޓިފައި ހުންނަތަން ފެނިފައި ނުވާކަމަށްވެސް ގައުމީ ފިރިހެން ބާސްކެޓު ޓީމުގެ ކޯޗު އެެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުންޏެވެ. ސައުތު އޭޝިއަން ގޭމްސް ނޭޕާލުގައި ބާއްވާއިރު، އެ ގައުމުގެ ފިންޏަށްވެސް ކުޅުންތެރިން ހޭނެން ޖެހޭކަމަށާއި މެޗްގައި ނަތިޖާއެއް ނެރެވޭނީ ފިނިން އަރައިގަނެގެން ކަމަށް ކޯޗް ބެލްސާ ބުންޏެވެ. އަދި މިހާރު ގައުމީ ޓީމްގެ ކުޅުންތެރިން، ނިންމަން ދަސްކުރަން ޖެހޭކަމަށާއި އެންމެ ފަހު ބޯޅަ ސްކޯ ކުރުމުގެ މުހިންމުކަން ކުޅުންތެެރިންނަށް ވެސް އެގޭނެކަމަށް ކޯޗް ބުންޏެވެ.
"މި މެޗްގައި މި ކުޅުނީ ވަރަށް ވަރުގަދަ ޓީމަކާ. އެ ޓީމުގައި އެބަތިބި ވަރަށް މޮޅު ކުޅުންތެރިން. ބާސްކެޓް ބޯޅައަކީ ލީޑް ހިފެހެއްޓުމާއި، ސިކުޑި ބޭނުންކޮށްގެން ކުޅުން އަދި ލިބޭ ފުރުސަރުގެ ބޭނުން ހިފުން މިއީ އެންމެ މުހިންމު އެއް ކަންތައް. މެޗުން މޮޅުވުމަށް ޓީމަށް ލިބުނު ވަރަށް ގިނަ ފުރުސަތުތައް ވެސް. މިއީ ވަރަށް ހަށިގަނޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރަކަށްވާތީ، އައިއޯއައިޖީން ފެށިގެން މިހާރުވެސް މިއަންނަނީ ސްކޯ ކުރުމުގެ މުހިންމުކަން ކުޅުންތެެރިންނަށް ވިސްނައިދެމުން. ކިތަންމެ މޮޅަށް ކުޅުނަސް ސްކޯ ނުކުރައްޏާ މެޗުން މޮޅެއްނުވާނެ. ނަމަވެސް އަހަރެން އުއްމީދު ކުރަން ނޭޕާލުގައި މިކުޅުންތެރިން ސްކޯ ކުރާނެކަމަށް."
ޗައިނާގެ މި ދަތުރުގައި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުވެސް އެކުވެރިކަމުގެ 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.