ޚަބަރު

މެޗުން މޮޅު ވެވުނީ ފެށުން ރަނގަޅު ވުމުން - ރިޝްމާ


ފުރަތަމަ މެޗުން މޮޅުވެވުނީ މެޗުގެ ފެށުން ރަނގަޅު ވުމުންކަމަށް ގައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމުގެ އެންމެ ތަޖުރިބާކާރު އެެއް ކުޅުންތެރިންޔާ ފާޠިމަތު ރިޝްމާ ބުނެފިއެވެ.

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ރާއްޖޭގެ އަންހެން ބާސްކެޓު ޓީމުން ކާމިޔާބުކުރީ ޗައިނާ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްއާ ވާދަކޮށް 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ރިޝްމާބުނީ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭކަމަށެވެ. އަދި ކޭމްޕްގެ ފުރަތަމަ މެޗުން މޮޅުވެވުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް ރިޝްމާ ބުންޏެވެ. މެޗުން މޮޅުވުމަށްވުރެ ބޮޑަށް ހިތްހަމަޖެހެނީ މީގެ ކުރިން ފަރިތަކުރުންތަކުގައި ދަސްކުރި ގިނަ ކަންތައްތަކެއް މެޗުގެ ތެރޭގައި ކުރެވުނީތީކަމަށް ރިޝްމާ ބުންޏެވެ. އަދި ބޮޑު ލީޑެއް އޮވެގެން މެޗުން މޮޅުވެވުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ބޮޑު އެއްބާރުލުމަކާއިއެކު ކަމަށާއި، ނޭޕާލުގެ ފިނީގައި މިހާރު ޒުވާން ކުޅުންތެރިންނަށްވެސް ކުޅެވޭނެކަމަށް ގައުމީ އަންހެން ބާސްކެޓް ޓީމްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ރިޝްމާ ބުންޏެވެ.

"ޒުވާން ކުޅުންތެރިންނަށް ބަލާނަމަ، މިއަދާ ހަމައަށް ތަޖުރިބާ ހޯދުމަށް އެކުދިންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފި. ޓީމުގެ ތެރޭގައި ތިބި ތަޖްރިބާ ހުރި ކުޅުންތެެރިންނާއެކު އުޅެމުންގޮސް ޒުވާން ކުޅުންތެރިން ދިޔައީ ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރަމުން. ކުޅުދުއްފުށީ ކޭމްޕާއާއި ތައިލެންޑް ކޭމްޕްގެ އިތުރުން މާލޭގައި ފިރިހެން ކުޅުންތެެރިންނާއެކު ކުޅުނު މެޗުތަކުންވެސް ޒުވާން ކުޅުންތެރިން ދިޔައީ ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރަމުން. މި ކަންކަމަށް ބަލާއިރު ޒުވާން ކުޅުންތެރިން އަންނަނީ ވަރަށް ގިނަ ކަންކަން ދަސްކޮށް، ގިނަ ކަންތައްތަކެއް ރަނގަޅު ކުރަމުން. އަޅުގަނޑަށް މިހާރު ވަރަށް ޔަގީންކަން އެބައޮތް މިހާރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިން މެޗްތަކުގައި ރަނގަޅު ކުޅުމެއް ދައްކާނެކަން." ރިޝްމާ ބުންޏެވެ.

ރިޝްމާ ބުނީ ޗައިނާގެ ކުންމިންގެ ފިންޏަށް މިހާރު ކުޅުންތެރިން ހޭނެމުން އަންނަކަމަށާއި، މެޗުގެ ތެރޭގައިވެސް އެއްވެސް ކުޅުންތެރިއަކު ފިނިވެގެން އުޅޭތަން ފެނިފައިނުވާކަމަށެވެ. ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސަށް ދާންވާއިރަށް ހުރިހާ ކުޅުންތެރިންވެސް ފިނީގައި ކުޅެން ހޭނޭނެކަމަށް ރިޝްމާ ބުންޏެވެ.