ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ބެޑްމިންޓަންގެ ޗީފް އަންޕަޔަރަކަށް ރާއްޖޭގެ ޢަލީ ޢަބްދުލްކަރީމް


ސާފްގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ ޗީފް އަންޕަޔަރަކަށް ރާއްޖޭގެ ޢަލީ ޢަބްދުލްކަރީމް ހަމަޖައްސައިފިއެވެ.

ޢަލީ އަކީ ރާއްޖޭގައި ބާއްވާ މުބާރާތް ތަކުގައި އެތައް މެޗެއްގެ އަންޕަޔަރު ކަން ކޮށްފައިވާ ތަޖުރިބާކާރު އަންޕަޔަރެކެވެ. 13 ވަނަ ސާފްގޭމްސްގެ ޗީފް އަންޕަޔަރަކަށް ޢަލީ ހަމަޖެއްސިކަން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. ޢަލީ ވަނީ މި އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން އިވެންޓްގައި އަންޕަޔަރުކަން ކޮށްފައެވެ.

ދެކުނު އޭޝިއާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ބެޑްމިންޓަން އިވެންޓުގައި މެޗު ތަކަށް އަންޕަޔަރުން ހަމަޖެއްސުމުގައި ޢަލީގެ ލަފާހޯދާނެއެވެ. އަދި މުބާރާތުގެ ޓެކްނިކަލް ނިންމުންތައް ނިންމުމާއި މެޗުތަކާ ގުޅޭ ހުރިހާ ކަމެއް ނިންމުގައިވެސް ޢަލީގެ ލަފާހޯދާނެއެވެ. މުބާރާތުގެ މުޅި އިވެންޓު ސުޕަވައިޒްކޮށް ބަލަހައްޓާނީ ޢަލީ އިސްވެ ހަރަކާތްތެރިވާ ކޮމިޓީއަކުންނެވެ.

މިހާތަނަށް ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި އަންޕަޔަރުކަން ކޮށްފައިވާ ޢަލީ މި މަޤާމަށް އައްޔަން ކުރުމާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އިފްޝާން އަޙްމަދު ވިދާޅުވީ މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި ބެޑްމިންޓަން ގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އިފްޝާން ވިދާޅުވީ ބެޑްމިންޓަން ކުޅުންތެރިން ނެރުމުންދާ ނަތީޖާ އާއި އަންޕަޔަރުން ހޯދާ ކުރިއެރުމުގެ ސަބަބުން ބެޑްމިންޓަނުގައި ރާއްޖޭގެ ލެވެލް މަތިވެއްޖެކަމަށެވެ.

13 ވަނަ ސާފްގޭމްސްގެ ކުޅިވަރު އިވެންޓުތައް ރަސްމީކޮށް ފަށާނީ އަންނަ އާދީއްތަ ދުވަހު އެވެ. ބެޑްމިންޓަން އިވެންޓުގައި ރާއްޖޭން ވާދަކުރަނީ އަންހެން ޓީމް އެކަންޏެވެ.