ވިޔަފާރި

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު ކައުންސިލްތަކަށް ދެނީ


އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީ އާކުރުމަށް ހަދާ އިންސްޕެކްޝަންތައް ހެދުމުގެ ބާރު ކައުންސިލްތަކަށް ދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިކަން ކުރުމަށްޓަކައި އެ މިނިސްޓްރީން ހަރަދުކޮށްގެން ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކުގެ މެމްބަރުން މާލެ ގެނެސް، އެކަމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ދޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށަށް މީގެކުރިން މި ހުއްދަ ދެވިފައި ހުރިނަމަވެސް އެހެން ރަށްރަށުގައި ގެސްޓްހައުސްއެއް އެޅުމަށްފަހު އިންސްޕެކްޝަން ހެދުމަށް ބޮޑު ހަރަދެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން މި ބާރު ކައުންސިލްތަކަށް ދޫކޮށްލުމަކީ ލޯކަލް ޓުއަރިޒަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު މަސައްކަތަށް ވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ހަރަދުކޮށްގެން ރާއްޖޭގެ 187 ރަށުގެ ކައުންސިލްގެ މުވައްޒަފުން އަޅުގަނޑުމެން މާލެއަށް މި ޖަމާކުރަނީ. އަޅުގަނޑުމެންގެ ބޭނުމަކީ އެއްތަނަކަށް ގެނެސް މި ބާރު އެފަރާތްތަކަށް ދިނުން. ބައެއް ރަށްރަށަށް މީގެކުރިން މި ހުއްދަތަށް ދެވިފައި ހުރީ. އަނެއްބައި ރަށްރަށުގައި ގެސްޓްހައުސްއެއް އަޅާފައި މިޖެހެނީ ގާތްގަނޑަކަށް ބައިލައްކައެއްހާ ރުފިޔާ ޙަރަދުކުރަން މާލެއިން މަރުކަޒީކޮށް މީހަކު ގެންގޮސްގެން އިންސްޕެކްޓްކޮށްގެން އެ ހުއްދަ ހޯދަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިންސްޕެކްޓްކުރުމުގެ ހުއްދަ ކައުންސިލްތަކަށް ދިނުމުން އެ ކައުންސިލަކުން އިންސްޕެކްޝަންގެ މަސައްކަތް ނިންމުމަށްފަހު ރިޕޯޓް މިނިސްޓްރީއަށް ހުށައަޅާނެކަމަށެވެ. އަދި އެއަށްފަހު މިނިސްޓްރީން އިންސްޕެކްޝަން ރިޕޯޓް ބަލައިގަނެ، ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

އިންސްޕެކްޝަންތަކުގެ މަސައްކަތް ކައުންސިލްތަކަށް ހަވާލުކުރިނަމަވެސް އެތަންތަނުގެ ސަލާމަތާއި ރަށްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަދާ އޮޑިޓް ކޮންމެ އަހަރަކުވެސް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.