ޚަބަރު

ޗައިނާގައި ކުޅުނު އެކުވެރިކަމުގެ 2ވަނަ މެޗުން ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީމް ބަލިވެއްޖެ


ޗައިނާގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ރާއްޖޭގެ އަންހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމް ބަލިވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ޓީމް ބަލިވީ ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ޗެންޕިއަން ޓީމާއި ވާދަކޮށް 4 ޕޮއިންޓްގެ ތާފާތުންނެވެ. އެއީ 53 ޕޮއިންޓް 49 ޕޮއިންޓުންނެވެ. ވާދަވެެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރގެ ކުރީކޮޅު ދިވެހި ޓީމުން ރަގަނޅު ކުޅުމެއްް ދެއްކިއެވެ. ނަމަވެސް ކުއާޓަރގެ މެދުތެރެއިން ދިވެހި ޓީމަށް ލީޑް ގެއްލި، ފަހަތުން އަރާ ލީޑް ހޯދަން މަޖުބޫރުވިއެވެ. ދިވެހި ޓީމުން ވަނީ އިތުރު ހިތްވަރެއްލާ، ފުރަތަމަ ކުއާޓަރ ނިމުނުއިރު 11 ޕޮއިންޓް 11 ޕޮއިންޓުން އެއްވަރުކޮށްފައެވެ.

ވާދަވެރި، އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ކުއާޓަރ ގައި ވެސް ދެ ޓީމުން ވަރަށް ކައިރި ކައިރީ ސްކޯ ކުރަމުންދިޔައެވެ. ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަންޓީމްއަށް ދޫނުކޮށް މެޗުގެ ދެވަނަ ކުއާޓަރ ވެސް ދިވެހި ޓީމް ނިންމާލީ އެއްވަރުކޮށް އޮވެގެންނެވެ. އެއީ 29 ޕޮއިންޓް 29 ޕޮއިންޓުންނެވެ.

މެޗްގެ 3ވަނަ ކުއާޓަރ ފެށިގެން ރާއްޖެއިން ރަގަނޅު ކުޅުމެއް ކުޅެމުންދިޔަ ނަމަވެސް، ފަހު ވަގުތު ދިވެހި ޓީމުގެ ކިބައިން ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ތިންވަނަ ކުއާޓަރ ނިމުނުއިރު ކުރީގައި އޮތީ ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަން ޓީމެވެ. މެޗުގެ 4ވަނަ ކުއާޓަރ ގައި ދިވެހި ޓީމަށް ކުރެވުނު ފައުލެއްގެ ފައިދާނަގާ ޔުނާން ޔުނިވާސީޓީގެ އަންހެނުންގެ ޗެންޕިއަން ޓީމް މެޗު ކާމިޔާބުކުރިއެވެ. އެއީ 37 ޕޮއިންޓް 34 ޕޮއިންޓުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަންހެނުންގެ ޤައުމީ ބާސްކެޓު ޓީމުގެ އެސިސްޓެންޓް ކޯޗު ގުރެއިޝް އަފްރާހު ބުނީ މެޗުން މޮޅު ނުވެވުނަސް ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ސައުތު އޭޝިއަން ގޭމްސަށް ދާންވާއިރަށް މިފަދަ ވާދަވެރި މާހައުލެއްގައި މެޗެއް ކުޅެލަން ލިބުމުން ޓީމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި ޗައިނާ ކޭމްޕުގެ އެންމެ ބޮޑު ބޭނުމަކީވެސް ފިނީގައި ވާދަވެރި މެޗުތަކެއް ކުޅުންކަމަށްވެސް އެސިސްޓެންޓް ކޯޗް ގުރެއިޝް ބުންޏެވެ.

"މެޗުގައި އެންމެ ބޮޑަށް ހިތްހަމަޖެހުނީ ކުޅުންތެެރިން މޮޅުވާން ބޭނުންވެގެން، މޮޅުވާން ކުޅުނުތަން ފެނުމުން. ކުޅުންތެެރިން އަމިއްލައަށް ވާހަކަދައްކައިގެން މެޗުން މޮޅުވާން ކުޅުނު ގޮތާއި މިސްޓޭކްތައް މަދުކުރުމަށް ކުޅުންތެރިންގެ ތެރޭގައި އޮތް ގުޅުން ފެނުމުން ވަރަށް ހިތްހަމަޖެހޭ. އަދި މެޗުން ބަލިވުމުމުން ކުޅުންތެރިން ދެރަވެފައި ތިބި މަންޒަރު ފެނުމުންވެސް ޓީމުގެ ތެރޭގައި މޮޅު ވުމުގެ ރޫޙްއޮތް މިންވަރު ފެނިގެންދިޔަކަން ފާހަގަކުރެވުނު. ވާދަވެރިކޮށް ކުޅެ، މޮޅު ވެވޭނެ މެޗަކުން ބަލިވެ، މެޗް ކާމިޔާބުކުރެވޭނެކަން ކުޅުންތެރިން ޤަބޫލު ކުރުންވެސް މިއީ ޓީމަށް ލިބުނު ކާމިޔާބީއެއް." ގުރެއިޝް ބުންޏެވެ. 

ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަން ޓީމާ ވާދަކޮށް ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ޓީމުގެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އާމިނަތު އިސްރާޢު ބުނީ މެޗުގެ ފުރަތަމަ ދެ ކުއާޓަރގައި ޓީމްގެ ފާރާތުން ރަގަނޅުު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް 3ވަނަ ކުއާޓަރގައި މިސްޓޭކްތައް ތަންކޮޅެއް ގިނަވީކަމަށެވެ. އަދި 4ވަނަ ކުއާޓަރގެވެސް ފަހު ވަގުތު މެޗުން މޮޅުވާން ބޭނުންވެފައި ތިބި މިންވަރުން ބައެއް ކަހަލަ މިސްޓޭކްތައް ހެދި މެޗު ގެއް ލުނީކަމަށެވެ. ޗެންޕިއަން ޓީމަކާއި ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް، މެޗުގައި ދެއްކުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށް އިސްރާޢު ބުންޏެވެ.

ޗައިނާގެ މިކޭންޕްގައި އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ދެވަނަ ޑިވިޝަންގެ ޓީމުއަތުން ރާއްޖޭގެ ޓީމު މޮޅުވީ 61 ޕޮއިންޓް 26 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.