ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ޗެންޕިއަން ޓީމްގެ މައްޗަށް ރާއްޖޭގެ އަންހެނުންގެ ޤައުމީ ބާސްކެޓު ޓީމު ކުރި ހޯދައިފިއެވެ.
13 ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ޗައިނާގައި ކޭމްޕު ކުރަމުންދާ އަންހެނުންގެ ޤައުމީ ބާސްކެޓު ޓީމު ކުޅުނު ތިންވަނަ މެޗުން އެޓީމް މޮޅުވެފައިވަނީ 6 ޕޮއިންޓްގެ ތަފާތުންނެވެ. މިއީ ޗައިނާގައި ޤައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗެވެ. މި މެޗުގައި ދިވެހި ޓީމު ކުރި ހޯދީ 68 ޕޮއިންޓް 62 ޕޮއިންޓުންނެވެ.
މޮޅު ވުމުގެ ރޫޙު ވަރަށް ބޮޑަށް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ކުއާޓަރ ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަން ޓީމް ކާމިޔާބުކުރީ 18 ޕޮއިންޓް 16 ޕޮއިންޓުންނެވެ. ފުރަތަމަ ކުއާޓަރ ގެއްލުމާއި އެކު ދިވެހި ޓީމުންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި މެޗުގައި ޒުވާން ކުޅުންތެރިޔާ ފާތިމަތު ޝައިލާން އަފްޒަލްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އަދި ސީނިއަރ ކުޅުންތެެރިންގެ ތެރެއިން ޝިއުރާ، ރިޝްމާ، ހައުމާ އަދި އިޝްރާޢުގެ ކުޅުންވެސް ފާހަގަކުރެވުނެވެ.
މޮޅު ކުޅުމަކާއެކު މެޗުގެ ދެވަނަ ކުއާޓަރގައި ދިވެހި ޓީމުންވަނީ ލީޑް ނަގާފައެވެ. މި ކުއާޓަރ ޤައުމީ ޓީމުން ކާމިޔާބުކުރީ 43 ޕޮއިންޓް 28 ޕޮއިންޓުންނެވެ.
15 ޕޮއިންޓްގެ ތަފާތުން ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަން ޓީމު ދެވަނަ ކުއާޓަރ އިން ބަލިވުމާއި ގުޅިގެން 3ވަނަ ކުއާޓަރގައި އެޓީމް ނިކުމެފައިވަނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅުމަށެވެ. އަދި ކައިރިކައިރީގައި ސްކޯވެސް ކުރިއެވެ. ނަމަވެސް ދިވެހި ޓީމުން ލީޑް ގެއްލުވާނުލާ، ރަނގަޅު ކުޅުމެއްދައްކާ ޔުނާން ޔުނިވަރސިޓީގެ ޗެންޕިއަން ޓީމަށް ސްކޯ ކުރުމަށް ލިބޭ ގިނަ ފުރުސަތުތަކަށް ހުރަސްއެޅިއެވެ. މެޗްގެ 3ވަނަ ކުއާޓަރ ދިވެހި ޓީމުން ލީޑްގައި އޮވެގެން ނިންމާލާފައިވަނީ 59 ޕޮއިންޓް 49 ޕޮއިންޓުންނެވެ.
މެޗްގެ 4ވަނަ ކުއަޓަރގައި ޔުނާން ޔުނިވަސިޓީގެ ޓީމުންވަނީ އަވަސް ކުޅުމެއް ކުޅެން މަސައްކަތްކޮށްފައެވެ. ނަމަވެސް ދިވެހި ޓީމުންވަނީ މެޗް ލަސްކޮށް އިދިކޮޅުން ކުޅެން ބޭނުންވާ ގޭމް ކުޅުނަނުދީ ހިފަހައްޓާފައެވެ. ބަލިވެފައި އޮތުމުން ޔުނާން ޔުނިވަރސިޓީގެ ޓީމުށް ކުރިއަރަން ކުޅުނު ކުޅުމުގެ ފައިދާނަގާ ދިވެހި ޓީމުން ގިނަ ޕޮއިންޓްތަކެއް ހޯދިއެވެ.
ދިވެހި ޓީމުގެ ޑިފެންސް ވަރުގަދަ ވުމުގެ ސަބަބުން އިދިކޮޅު ޓީމުން ފަހުން ވަނީ ދުރުން ޝޫޓްކޮށް 3 ޕޮއިންޓް އަޅަން މަސައްކަތްކޮށްފައެވެ. މެޗްގެ 4ވަނަ ކުއާޓަރ ދިވެހި ޓީމުން ހޯދާ، މެޗުން މޮޅުވީ 68 ޕޮއިންޓް 62 ޕޮއިންޓުންނެވެ. މިއީ ޗައިނާގައި ކުރާ ކޭމްޕުގައި ރާއްޖޭގެ އަންހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމުން ކާމިޔާބުކުރި ދެވަނަ މެޗެވެ.