ވިޔަފާރި

އައްޑޫއަށް ދެމެހެއްޓެނިވި ގޮތެއްގައި ސްރީލަންކަންގެ ދަތުރުތައްކުރުމަށް ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވޭ


އައްޑޫއަށް ސްރީލަންކަން އެއާލައިންސްއިން ކުރަމުންދާ ދަތުރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް، ވިޔަފާރިތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް، ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އެވިއޭޝަނުން ބުނެފިއެވެ.

ސްރީލަންކަން އެއާލައިންސް އައްޑޫއަށް ޝެޑިއުލް ދަތުރުފެށިތާ 3 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އޭސް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، ސްރީލަންކަންގެ ދަތުރުތައް އައްޑުއަށް ފެށިގެން އައީ އުނދަގޫތަކާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ސްރީލަންކަން އެއާލައިންސް އަށް މިކަން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ދެކުނުގެ 4 އަތޮޅުގެ ވިޔަފާރިވެރިންނާއި، ރިސޯޓްތަކުގެ އެހީ ބޭނުންވާ ކަމަށެވެ.

" މިހާރުވެސް ހަމަ ޔާގީނުންވެސް ސްރީލަންކަން އެއާލައިންސްގެ އާ މެނޭޖްމެންޓެއް މިއަންނަނީ. އެފަރާތުންވެސް ވިސްނާނެ ވިޔަފާރީގެ ޕްރޮޑަކްޓް އިން ގޮތަށް ދަމަހައްޓަން. ވަރަށް އެދެން ބިޒްނަސް ކޮމިއުނިޓީ އަޅުގަނޑުމެންނަށް އެއްބާރުލުން ދީގެން މިކަން ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެން މިދަންނަވަނީ ހަމައެކަނި އައްޑޫ އެއްނޫން. މި 4 އަތޮޅު (ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑޫ) ގުޅިގެން މަސައްކަތް ކޮއްފީއްޔާ އަޅުގަނޑުމެންނަށް އެކަށީގެންވާ ހިސާބަކަށް ދެވޭނެ" ފިރާޤް ވިދާޅުވިއެވެ.

އައްޑު ސިޓީއަށް ދަތުރު ފެށުމާއި ގުޅިގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ ފައުޒާން ފަރީދު ވިދާޅުވީ، ސްރީލަންކަން އެއަރލައިންސްއިން އައްޑޫގައި ޙިދުމަތްދޭތާ 3 އަހަރު ވީއިރު، އައްޑޫ އަކީ އެ އެއަރލައިންގެ ޕްލޭންތަކުގައި އޮންނަތާ 12 ވަރަކަށް އަހަރުވެފައިވާ ސިޓީއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ފްލައިޓުތައް އިތުރުކުރުމަށް ސްރީލަންކަންއިން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި ދަތުރު ކުރާ މީހުން އިތުރުވާން އެބަޖެހޭ ކަމަށެވެ.

ސްރީލަންކަން އެއާލައިންސް އައްޑޫއަށް ދަތުރުތައް ފެށިތާ 3 އަހަރު ވުމާއި ގުޅުވައިގެން، މިދިޔަ ހަފްތާ ބަންދުތެރޭގައި އިންޑިއާގެ ކައުވެރީ ހޮސްޕިޓަލުން ސްޕެޝިލިސްޓު ޑޮކްޓަރުން ގެނެސް މެޑިކަލް ކޭމްޕެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިކޭމްޕުގައި 140 އަށްވުރެ ގިނަ ފަރާތުން ޑޮކްޓަރަށް ދައްކާފައިވާކަމަށް ސްރީލަންކަންއިން ބުނެއެވެ.

އައްޑޫސިޓީއަށް ސްރީލަންކަން އެއާލައިންސްއިން ރަސްމީކޮށް ދަތުރު ފަށާފައިވަނީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ އެވްރެޖުކޮށް ހަފްތާއަކު 3 ފްލައިޓް އެފަރާތުން ދަނީ ބާއްވަމުންނެވެ. މީގެ އިތުރުން ސްރީލަންކަން އެއާލައިންސްއިން އެއާ ކާގޯ ޙިދުމަތް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.