ޚަބަރު

ސައުތު އޭޝިއަން ގޭމްސް: އިންޑިއާ އަތުން އަންހެނުންގެ ހޭންޑްބޯޅަ ޓީމު ބަލިވެއްޖެ


އަންހެނުންގެ ޤައުމީ ހޭންޑް ބޯލް ޓީމް އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ ޤައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ މިސަރަހައްހަދުގެ ގަދަ ބާރު އިންޑިއާ އަތުންނެވެ. އިންޑިއާ އަތުން ބަލިވެފައިވަނީ 41 ލަނޑު 9 ލަނޑުންނެވެ. މުޅި މެޗް ކޮންޓްރޯލްކޮށްގެން ކުޅުނީ އިންޑިއާ އިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ރާއްޖޭގެ ކޮޅަށް 22 ލަނޑު ޖެހި ނަމަވެސް ދިވެހި ޓީމަށް އެންމެ ލަނޑެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިންޑިޔާގެ އަވަސް ކުޅުންތެރިން ދިޔައީ ކައިރިކައިރީގައި ސްކޯ ކުރަމުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ދިވެހި ކުޅުންތެެރިންނަށް ލަނޑު ޖެހުމަށް މާގިނަ ފުރުސަތުތަކެއްވެސް ލިބިފައިނުވާއިރު، ލިބުނު މަދު ފުރުސަތުތައްވެސް އިންޑިއާގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އިންޑިއާއިން ސްކޯ ކޯށްފައިވަނީ ކައުންޓަރ އެޓޭކްގައިކަން ފާހަގަކޮށްލެވުނެވެ. ދިވެހި ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ކުރިއަރާ ވަގުތު އިންޑިޔާގެ އަވަސް ކުޅުންތެރިން ކައުންޓަރ އެޓޭކްގައި ސްކޯ ކުރަމުންދިޔައެވެ. 

މެޗްގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ޤައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެެރިޔާ ނަޝްފާ އާމިރާއަށްވަނީ ރަތް ކާާޑުދައްކާ ކޯޓުން ފޮނުވާލާފައެވެ. ނަޝްފާއަށް ރަތް ކާޑު ދެއްކީ ގޯލު ޖެހުމަށް މަސައްކަތް ކުރަމުންދަނިކޮށް ނަޝްފާއަށް އިންޑިއާ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު އެއްލުމަކުންނެވެ. ނަޝްފާ ގޯލާ ދިމާއަށް އެއްލި ބޯޅަ ޖެހުނީ އިންޑިއާގެ ކުޅުންތެރިއެއްގެ މޫނުގައެވެ. ހޭންޑްބޯޅައިގެ ގަވާއިދު ބުނާގޮތުން ޑިފެންސް ކުރުމަށް ހުއްޓިގެން ހުންނަ ކުޅުންތެެރިއެއްގެ މޫނުގައި ޖެހިއްޖެނަމަ ރަތް ކާޑު ދައްކަންޖެހެއެވެ. ރަތް ކާޑުގެ އިތުރުން ނައްފައަށްވަނީ ނޫ ކާޑެއްވެސް ދައްކާފައެވެ. ނޫ ކާޑަކީ އިންޑިއާގެ ކުޅުންތެރިޔާގެ މޫނުގައި ޖެހުނު މައްސަލަ ބަލާނެކަމަށްދިން އިންޒާރެކެވެ. މިކަން ބެލުމަށްފަހު ހުށައަޅާ ރިޕޯޓާ ގުޅިގެން ނައްފައަށް ކުރިއަށް އޮތް ޕާކިސްތާން މެޗުގައި ނުކުޅެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ފުރަތަމަ ހާފްގެ 30މިނިޓް އިންޑިއާ ކުރީގައި އޮވެގެން ކުޅުނު ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ރާއްޖޭންވަނީ ކުޅުން ރަނގަޅުކޮށް ކައިރިކައިރީގައި ސްކޯ ކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފެށުމާއިއެކު ދިވެހި ޓީމުން ހަތަރު ގޯލް ވަނީ ޖަހާފައެވެ. އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ކެޕްޓަން ޒުލޭޙާ އިބްރާހީމާއި މެޗްގައި ހަތަރު ގޯލްޖެހި އައިޝަތު ރީމާއެވެ. އައިޝަތު ރީމާގެ އިތުރުން ރާއްްޖޭގެ ލަނޑުތަށް ޖަހާދީފައިވަނީ ދީމާ އަޙްމަދު، އައިޝަތު ލީނާ، ނުހާ އަހުމަދު އަދި ހަލީމަތު ހަސްނާއެވެ. މިގުރޫޕްގައި ރާއްޖޭގެ އަންހެން ޓީމް މާދަމާ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.