އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުން ދިވެހިންނަށް ދެމުން އަންނަ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް އޮޅުންފިލުއްވައިފިއެވެ.
ދިވެހިން ގިނަ އަދަދަކަށް ޚިދުމަތް ހޯދާ އިންޑިއާގެ ނިމްސް ހޮސްޕިޓަލަކީ ދިވެހިންނަށް އާސަންދައިގެ ދަށުން ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ ރާއްޖެއިން ގިނައަދަދެއްގެ ހިތުގެ ބަލިމީހުން ފަރުވާ ހޯދަމުންއަންނަ ހޮސްޕިޓަލެކެވެ. ނާއިބް ރައީސް ނިމްސް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ނާއިބު ރައީސް ނިމްސް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާއަކީ ދިވެހިން އަބަދުވެސް ގޮސްއުޅޭ ދިވެހިންނާ ވަރަށްބޮޑަށް ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާމެދު އިންޑިއާއިން ބަހައްޓާ ގާތްގުޅުމާއި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނާއިބް ރައީސްގެ މި ޒިޔާރަތުގައި، ނިމްސް ހޮސްޕިޓަލުގެ އެކި އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ. އޭގެ ތެރޭގައި ކުޑަކުދިން ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ދާދިފަހުން ހުޅުވި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި އިންޓަރގްރޭޝަން އެންޑް އޯޓިޒަމް ސެންޓަރާއި ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ބަލިތައް ދުރާލާ ދެނެގަނެ ފަރުވާދިނުމުގައި އެތަނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ނާއިބް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ތަކެތި ދައްކާލުމަށް ބަހައްޓާފައި ހުރިތަނަށް ޒިޔާރަތްކުރައްވައި އެތަނާބެހޭގޮތުންވެސް އެމަނިކުފާނު ވަނީ މަޢުލޫމާތު ހޯއްދަވާފައެވެ.
ނިމްސް ހޮސްޕިޓަލުގެ އިތުރުން ނާއިބް ރައީސް ވަނީ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި ކޮންސިއުލޭޓުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި ކޮންސިއުލޭޓުން ދިވެހިންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވައި އެތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކޮންސިއުލޭޓުގެ އިމާރާތްވެސް ބައްލަވައިލައްވާފައެވެ.
ނާއިބް ރައީސް ފައިޞަލް ނަސީމް އިންޑިއާއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންފައިވަނީ އިއްޔެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކެރެލާ އާއި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއިވެސް ނާއިބް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.