ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ފިރިހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމު ބަލިވީ ބަނގްލަދޭޝާ ވާދަކޮށް 16 ލަނޑުގެ ތަފާތުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް އަވަސް ކުޅުމެކެވެ. ދެ ޓީމުންވެސް ވަރަށް އަވަހަށް ގޯލު ޖެހުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ބަނގްލަދޭޝަށް މާ ބޮޑު ލީޑެއް ނެގިފައެއް ނުވެއެވެ.
އިންޓަރނޭޝަނަލް މުބާރާތެއްގައި އަލަށް ވާދަކުރާ ޤައުމީ ހޭންޑް ބޯޅަ ޓީމުންވަނީ ބަނގްލަދޭޝްގެ ހުނަރުވެރި ކުޅުންތެރިން ހިފެހެއްޓުމުގެ ކާމިޔާބު ހޯދާފައެވެ. މެޗްގެ ފުރަތަަމަ ހާފު ނިމުނީ ބަނގްލަދޭޝް ޓީމު ކުރީގައި އޮވެގެންނެވެ. އެއީ 10 ލަނޑު 16 ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި މޮޅަށް ކުޅުނީ ބަނގްލަދޭޝްގެ ޓީމުންނެވެ.
މެޗް ދެވަނަ ހާފު ނިމުނީވެސް ބަނގްލަދޭޝް ކުރިގައި އޮވެގެންނެވެ. އެއީ 38 ލަނޑު 22 ލަނޑުންނެވެ. މިމެޗްގައި ރާއްޖޭގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރަޒުނީ މުޙައްމަދާއި އާދިލް ޝަހީދާއި އިސްމާޢީލް ފަރުޙާނާއި އިސްމާޢީލް އަޙްމަދާއި އަޙްމަދު ސާއިފާއި އިބްރާހީމް ހައިޝަމް އަބްދުﷲ އާއި އަޙްމަދު ނަސީރެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ހޭންޑް ބޯޅަ ޓީމްގެ ކޯޗު ބަރަޓިސްލާވް ބުނީ އަލަށް ބައިނަލްއަޤްވާމީ މުބާާރެއްގައި ވާދަކުރި ޓީމަކާ އަޅާ ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުން ރަގަނޅުކަމަށާއި ތަޖުރިބާ މަދު ކުޅުންތެރިންނަށް ވުމުން މެޗުގައި އެކަން ވަރަށް ބޮޑަށް ދެއްކިކަމަށްވެސް ޤައުމީ ހޭންޑް ބޯޅަ ޓީމުގެ ކޯޗް ބަރަޓިސްލާވް ބުންޏެވެ.
"މެޗުގައި ކުޅުންތެެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. ތަޖުރިބާވެސް މަދުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު. އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ވެލީގައި ކުޅެފައި ގޮސް، ބައިނަލްއަޤްވާމީ މުބާރާތުގައި އިންޑޯ ކޯޓެއެއްގައި ކުޅެން ޖެހުން. ވެލީގައި ކުޅުމާއި އިންޑޯ ކޯޓްގައި ކުޅުން ވަރަށް ތަފާތުވާނެ. ރާއްޖޭގެ ކުޅުންތެެރިންގެ ހުނަރު އެބަހުރި، ކުޅުމުގެ ވައްޓަފާޅިވެސް އެބަހުރި، ނަމަވެސް ތަޖުރިބާ މަދުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު." ކޯޗު ބަރަޓިސްލާވް ބުންޏެވެ.
ޤައުމީ ހޭންޑް ބޯޅަ ޓީމް މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިއާއާ ދެކޮޅަށެވެ.