ޚަބަރު

ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުން - ރައީސް


ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމަށް އެމަނިކުފާނު މިއަދު ފެށްޓެވި ޕްރޮގްރާމްގެ ތެރެއިން، އެޑިއުކޭޝަން މިނިސްޓްރީއަށް ވަޑައިގެން، އެމިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ވަޢުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެޑިއުކޭޝަން މިނިސްޓްރީން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެށްޓެވި ޕްރޮގްރާމަކީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމެކެވެ.