އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ބޮޑެތި އުއްމީދުތަކާއެކު އައްޑޫ ރައްޔިތުން ދެކުމާ ހިނގައްޖެއެވެ.
އައްޑޫސިޓީގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ތަޝަރީ ހޮސްޕިޓަލަކީ މާލޭ ސަރަހައްދުން ބޭރުގައި ޤާއިމު ކުރާ ފުރަތަމަ ތާޝަރީ ހޮސްޕިޓަލެވެ. މިއީ އައްޑޫ ރައްޔިތުންގެ އެތައް އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖެހުމެވެ. މިހޮސްޕިޓަލަށް ރައްޔިތުންގެ ބޮޑެތި އުންމީދުތަކެއް އެބަ ހުއްޓެވެ. އަދި ހޮސްޕިޓަލުގެ ޙިދުމަތްތަކަށް ރައްޔިތުން 'ފެންބޮވައިގެންފައި' ވާވަރު، ހާމަވެގެން ދިޔައީ، އައްޑޫ ރައްޔިތުން ހޮސްޕިޓަލަށް ދެކުމާއެކު ދިއުމުންނެވެ.
ސަޤާފީ ގޮތުން ދެކުމާ ދިއުމަކީ، ބޮޑެތި މަސައްކަތް ކުރާއިރު އެކަމަށް ހިތްވަރު ދިނުމަށް ރައްޔިތުން އެކި ޒާތްޒާތުގެ ހަދިޔާ ހިފައިގެން ދިއުމެވެ. އެގޮތުން އައްޑޫގެ އެކި އަވައްތަކުގެ ރައްޔިތުން ސަޤާފީ ހެދުމުގައި ގޮސް މިވަނީ ދެކުމާ ކިޔައިފައެވެ. އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްނެގުމާއި އެކު ކުރިއަށް ދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ހޮސްޕިޓަލުގެ ގޯތި ތެރެ ޒީނަތްތެރި ކުރަން ގަސްގަހާގެހި ހޮސްޕިޓަލަށް ރައްޔިތުން ވަނީ ހަދިޔާ ކޮށްފައެވެ.
ހޮސްޕިޓަލް ބަލާލުމަށް ފަހު ޕީއެސްއެމްއާއި ވާހަކަ ދެއްކި ރައްޔިތުން ބުނީ މިއީ މުޅިން އާ ފެށުމަށްކަމަށެވެ. އަދި މިތަނުގެ ވަސީލަތްތައް ހަމަ ލޮލުން ބަލައިލުމުގެ ފުރުސަތު ލިބުމުން، މިއީ ވަރަށް ފެންވަރު ރަންގަޅު ތަނެއް ކަން އެންގިގެން ދިޔަކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. އަދި އައްޑޫ ސިއްޙީ ނިޒާމުގެ ތެރެއިން މިހާރު ލިބެން ނެތް ގިނަ ޚިދުމަތްތަކެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ލިބޭނެކަން ޔަޤީންވެއްޖެކަމަށްވެސް ގިނަ ރައްޔިތުން ބުންޏެވެ.
ހޮސްޕިޓަލު ބަލައިލުމުގެ ފުރުސަތު އާންމުނަށް ހުޅުވާލުމަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ހޮސްޕިޓަލް ތެރޭގައި ޤާއިމްކުރާ ފާމަސީގެ މަސައްކަތްތަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ކުދި ކުދި މަސައްކަތް ކަމަށާއި އަމާޒަކީ ވީހާވެސް އަވަހަށް ހޮސްޕިޓަލުގެ ޙިދުމަތް ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމު އަދި ހެލްތު މިނިސްޓަރ އަމީން ވެސް ވަނީ އެހޮސްޕިޓަލަށް ޒިޔާރަތް ކުރާއްވާފައެވެ.
މިހޮސްޕިޓަލުގެ ޙިދުމަތް ފެށިގެން ދާއިރު، އޯޕީޑީގެ ޙިދުމަތުގެ އިތުރުން އެކްސްރޭ، ލެބޯޓަރީ އަދި ފިޒިއޯތެރަޕީގެ ޙިދުމަތް ދޭނެއެވެ. އަދި އެހެނިހެން ޙިދުމަތްތައްވެސް މަޑުމަޑުން ދޭން ފަށާނެ ކަމަށް ހޮސްޕިޓަލުގެ މެނޭޖުމެންޓުން ބުނެއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، މިފަދަ ޙިދުމަތްތައް ދޭން ފަށާއިރު ހޮސްޕިޓަލުން ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ޙިދުމަތް ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.