އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކޮލެޖް ޔުނިވަރސިޓީތަކުގައި ހުރި މަތީ ތަޢުލީމްގެ ފުރުޞަތުތަކާ ގުޅޭގޮތުން ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ކެރަލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ކެރަލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.ކޭޓީ ޖަލީލް ވަނީ ދިވެހި ދަރިވަރުންނަށް ކެރާލާއިން ލިބެހުރި މަތީ ތަޢުލީމްގެ ފުރުޞަތުތަކާއި މަތީ ތަޢުލީމާ ގުޅުންހުރި ކަންތައްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތުތައް ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަންއަށް ހިއްސާކުރައްވާފައެވެ.
މިގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެރެލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ކެރަލާގައި މަތީ ތަޢުލީމް ފޯރުކޯށްދޭ ތަންތަނަކީ އަގުހެޔޮކޮށް ކޯސްތައް ކުރިއަށްގެންދާ ތަންތަންކަމަށާއި އެތަންތަނުން ފެންވަރު ރަނގަޅު ކޯސްތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާފައެވެ. އަދި އެ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ފަސޭހައިން ތައުލީމް ހާސިލްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކެރަލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއެކު އޮތް ބައްދަލުކުރެއްވުމުގައި އެފާރާތްތަކުން މަސްވެރިކަމާ ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ކޯސްތަކެއް ހިންގާކަން ފާހަގަކުރައްވާފައިވެއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވަނީ އެދާއިރާއިން މީހުން ބިނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ކެރަލާއަކީ ދިވެހި ދަރިވަރުން މަތީތަޢުލީމްގެ ހާސިލްކުރުމަށް ދާން ރައްކާތެރި ސްޓޭޓެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖޭއަށް އަބަދުވެސް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދެމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުރި މަތީތަޢުލީމްގެ ފުރުޞަތުތަކާއި ގުޅޭގޮތުން މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ކޮންފަރެންސެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއަން ހައިކޮމިޝަނާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
އިންޑިއާއަކީ ރާއްޖޭގެ ދަރިވަރުންނަށް މަތީތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދޭ ޤައުމެކެވެ. މިގޮތުން ދާދިފަހުންވެސް އިންޑިއާއިން ވަނި ރާއްޖެއަށް އެކި ދާއިރާތަކުން ތަޢުލީމް ހާސިލްކުރުމަށް ސްކޮލަޝިޕްތަކެއް ދީފައެވެ. އަދި މިހާރުވެސް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ދިވެހި ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުނެވެ.