ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕު ފުރަތަމަ މެޗު ބޭރުމަތި އެފްސީ ކާމިޔާބުކޮށްފި


އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު ފަސޭހަ ކަމާއި އެކު ބޭރުމަތި އެފްސީ ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ބޭރުމަތި އެފްސީ ކާމިޔާބުކުރީ މުލިމަތި ޔުނައިޓެޑް އާއި ވާދަކޮށް 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބޭރުމަތި އެފްސީގެ މުހައްމަދު މަމްނޫންއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި އެކު ބޭރުމަތި އެފްސީއިން ލީޑު ނެގިއިރު، މެޗުގެ ފުރަތަމަ ހާފް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް މުލިމަތި ޔުނައިޓެޑް ހަސަން ސަހާފް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި މުލިމަތި ޔުނައިޓެޑް އިން ރަނގަޅަށް ކުޅެން މަސައްކަތް ކުރިއެވެ. ނަމަވެސް ބޭރުމަތިން އިބްރާހީމް ސާމީ މާގިނަ އިރެއް ނުވެ އެޓީމަށް ކުރި ހޯދައި ދިނެވެ. ބޭރުމަތި އެފްސީއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިިޔާބުކޮށްދިނީ ހާޒިމް ފައުޒީއެވެ. ބޭރުމަތި އެފްސީގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝުއާއުއެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ދެޓީމުންވެސް ވަނީ ފިޓްނަސް މައްސަލަ ފާހަގަ ކޮށްފައެވެ. އެގޮތުން ބޭރުމަތި އެފްސީ ކޯޗު އަހުމަދު ނަސީމް ބުނީ މިމެޗުން އެޓީމު މޮޅުވިއަސް އެޓީމަށް މުލިމަތި ކަހަލަ ޒުވާން ޓީމަކާއި އެކު ކުޅެން އުނދަގޫ ވެގެން ދިޔަ ކަމަށެވެ.

މުލިމަތި ޔުނައިޓެޑުގެ ކޯޗު ހުސައިން ދީދީ މެޗަށްފަހު ބުނީ މެޗު ގެއްލިގެން ދިޔައީ ބޮޑެތި މިސްޓޭކްސްގެ ސަބަބުން ކަމަށެވެ. ކޯޗު ބުނީ ދެވަނަ ހާފުގައި ބަދަލު ކުރާނެ ކުޅުންތެރިން ބެންޗުގައި ނެތުމުގެ މައްސަލަ ދިމާވިއެވެ. ނަމަވެސް ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް ބީގެ މެޗެކެއެވެ. މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވެރިންގް އާއި ފޭދޫ ސްޕޯޓްސްއެވެ. މިއީ އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މިއީ މުޅި އައްޑޫއަށް ހުޅުވައިލެވެގެން ކުރިއަށްދާ މުބާރާތެކެވެ.