ވިޔަފާރި

އައްޑޫގެ 63 ބިމެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން ޝަޢުޤުވެރިކަން ފާޅުކޮށްފި


އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލި 80 ބިމުގެ ތެރެއިން، 63 ބިމަކަށް އެކި ފަރާތްތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަން އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އައްޑޫގެ އެކި އަވަށްތަކުން 96 ބިމަށް ނުވަތަ 4000 އެނދަށް ފުރަތަމަ ފުރުސަތު ހުޅުވާލި ކަމަށެވެ. މީގެ ތެރެއިން މީދޫ އަވަށުން ހުޅުވާލި ސަރަހައްދު ރައްޔިތުންގެ އެދުމާއެކު ބަދަލުކުރުމާއި ގުޅިގެން، މީދޫގެ ބިންތަކަށް ބިޑު ވިއްކުން މަޑު ޖައްސާލާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެން ކަމުން މިބުރުގައި މުޅި އައްޑޫ ސިޓީން ހުޅުވާލީ 80 ބިމަށްކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި، މިހާރު ބިޑު ނުވިކި ވަނީ، މީދޫގެ 16 ބިމާއި އެކު މުޅިއަކު 17 ބިމަށް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ބިޑު ގަތް ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 26 އިން 28 އަށް އޮންނާނެ ކަމަށެވެ.

ޕީއެސްއެމް އަށް މަޢުލޫމަތު ދެއްވަމުން ސިޓީ ކައުންސިލު މޭޔަރ ވިދާޅުވީ، މީދޫގައި ފަތުރުވެރިކަމަށް ތަރައްޤީކުރާ ބިންތައް ކަނޑައަޅާނީ ލޭންޑް ސާވޭ އޮތޯރިޓީ އެޕްރޫވު ކުރެވި، ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ހުށަހަޅައިގެން ހުއްދަތަށް ލިބުމުންކަމަށެވެ. މޭޔަރ ވިދާޅުވީ، މިވަގުތު މީދޫ ސަރަހައްދު މަޑު ޖެހިފައި އޮތަސް މީދޫގެ ކައިރީގައި އޮންނަ ވަކި ރަށެއް ކަމަށްވާ ހިކަހެރަ ފަތުރުވެރިކަމަށް ދޫކުރަން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"ވަކިން އޮތް ރަށެއް ވީމާ، ގެސްޓް ހައުސް ސަރަހައްދުގައި ނުހިމެނޭ ގިނަ ކަންކަން ހިމެނިގެން ދާނެ. އަޅުގަނޑުމެންގެ ވިސްނުން އޮތީ ހުށަހަޅާ ފަރާތްތަކުގެ ކޮންސެޕްޓާއެކު ހިކަހެރަ ތަރައްޤީވެގެން ދިއުން" އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މިސަރަޙައްދުތައް ތަރައްޤީ ވެގެންދާއިރު އެސަރަހައްދު ތަކުގައި ޢާއްމު ޚިދުމަތްތައް ޤާއިމުކުރެވި، ބީޗް ސަރަޙައްދު ތަރައްޤީ ވެގެންދާނެ ކަމަށެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ މިހާރު ހުރި 17 ބިމާއެކު ކޮމަން ފެސިލިޓީޒްގެ ގޮތުގައި ޑައިވިން ސެންޓަރު އަދި އެހެނިހެން ފަތުރުވެރިކަމާއި ގުޅޭ ޙިދުމަތްދޭ ތަންތަން މިސަރަޙައްދުގައި ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މޭޔަރ ސޯދިޤް މީގެ ކުރީން ވިދާޅުވީ، މިއަންނަ އަހަރު ފުރަތަމަ ކުއާޓާ އާއި ހަމައަށް މިމަޝްރޫއުގެ އަމަލީ މަސައްކަތް ކައުންސިލުން ފަށަން ތައްޔާރު ވަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން މިހާރު ކުރިއަރާފައިނުވާ ސަރަޙައްދުތައް އިތުރަށް ތަރައްޤީކުރުމެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރާއި ދެކުުނުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.