ވިޔަފާރި

ލަފާކުރި މިންވަރަށްވުރެ ރަސްމީ ރިޒާވް އިތުރުވެއްޖެ


ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު، އެމްއެމްއޭއިން ވިދާޅުވީ މިއީ ރަސްމީ ރިޒާވް އިތުރުވާނޭކަމަށް ލަފާކުރި ވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ސަރުކާރުން ކުރިން ލަފާކުރީ މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުންނާނީ 635 މިލިއަން ޔޫއެސް ޑޮލަރުކަމަށެވެ. ނަމަވެސް އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 117 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ، އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމުންކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ.

އެމްއެމްއޭއިން ލަފާކުރައްވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އިތުރުވާނެއެވެ. ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުންކަމަށް ރާއްޖޭގެ މަރުކަޒީ ބެންކުން ބުނެއެވެ.

އެމްއެމްއޭއިން ލަފާކުރައްވާ ގޮތުގައި އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ހުންނާނެކަމަށް ބެލެވެނީ 9.6 އިންސައްތައިގައެވެ. މިކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ހުޅުވިގެންދިޔުމާއި، އަލަށް ހުޅުވޭނެކަމަށް ބެލެވޭ ރިސޯޓްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ކުރިއެރުމުންކަމަށް އެމްއެމްއޭއިން ލަފާކުރައްވައެވެ.

އެމްއެމްއޭއިން ލަފާކުރައްވާ ގޮތުގައި އަންނަ އަހަރު ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު އިމާރާތްކުރުމުގެ ދާއިރާ 9.3 އިންސައްތަ ކުރިއަރާނެއެވެ. މިހުރިހާ ކަމަކާއެކު އަންނަ އަހަރު ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގައިކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.