ކުޅިވަރު

އައްޑޫ ފުޓުބޯޅަ މުބާރާތް : މުލިމަތި ބަލިކޮށް ސެމީގެ އުއްމީދު ގޯދިއްޔާ ދަމަހައްޓައިފި


މުލިމަތި ބަލިކޮށް އައްޑޫ ފުޓޫބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގޯދިއްޔާ ބޮޑުކޮށްފިއެވެ.

ދެ ޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗު ގޯދިއްޔާ ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގޯދިއްޔާ ޓީމުގެ ހަސަން އަތޫފްއެވެ. އެނާގެ ލަނޑު ޖެހިތާ ދެމިނެޓު ތެރޭ އެޓީމުގެ ހަސަން ލައުހް ވަނީ އެޓީމަށް ލީޑް ފުޅާކޮށްދީފައެވެ. މުލިމަތީގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، ރައްޔާން މުއްސަދު މަންސޫރެވެ. މެޗުގެ 18 ވަނަ މިނެޓުގައި ގޯދިއްޔާ ހަސަން އަތޫފް އެޓީމަށް އިތުރު ލަނޑެއް ޖަހައި ދިނެވެ. މުލިމަތި ޓީމުން ހާފު ނިމުމުގެ ކުރީން އިތުރު ލަނޑެއް ވަނީ ޖަހާފައެވެ. މިހާފު ނިމުނީ 2-3 އިން ގޯދިއްޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 57 ވަނަ މިނެޓުގައި ގޯދިއްޔާ އިން އިތުރު ލަނޑެއް ވަނީ ޖަހާފައެވެ. އެލަނޑު ޖަހާފައި ވަނީ ވިޝާން ހަބީބެވެ. މިލަނޑުގެ އިތުރުން 64 ވަނަ މިނެޓުގައި ވެސް ވިޝާން ވަނީ ލަނޑެއް ޖަހާފައެވެ. މިހާފުގައި ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނެއެވެ. ނަމަވެސް ގޯލާއި އަމާޒު ވެފައި ވަނީ މަދު ބޯޅައެކެވެ.

މެޗަށް ފަހު ޕީއެސްއެމްއާއި ވާހަކަ ދައްކަމުން ގޯދިއްޔާ ކޯޗު އިބްރާހިމް ނަޒްމީ ބުނީ، އިތުރު ލަނޑު ޖެހުމުގެ ފުރުސަތު އެޓީމަށް ލިބުނުކަމަށާއި، ލިބުނު ހުސް ފުރުސަތުތަކާއި ބަލާ ގޯލް ސްކޯރިންގ ދަށްކަމަށެވެ.

މުލިމަތި ކޯޗު އަހުމަދު ރަޝީދު ބުނީ، މެޗު ގެއްލިގެން ދިޔައީ ކީޕަރ މިސްޓޭކްސްގެ ސަބަބުން ކަމަށެވެ. ކޯޗު ބުނީ ކުރިއަށް އޮތް މެޗު ކާމިޔާބުކުރަން އެޓީމުން މަސައްކަތް ކުރާނެ ކަމަށާއި ސެމީގެ އުންމީދު އަދި ދޫކޮށް ނުލާ ކަމުގައެވެ.

މިނަތީޖާއި އެކު، ސެމީ ފައިނަލުގެ އުއްމީދު ގޯދިއްޔާއިންވަނީ ދަމަހައްޓާފައެވެ. އެޓީމް އޮތީ ގްރޫޕުގެ ދެވަނައިގައިގައެވެ. ގޯދިއްޔާ ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު މުލިމައްޗަށްވެސް އެބައޮތެވެ. އެޓީމް ޖެހެނީ ގްރޫޕްގެ ފަހު މެޗުގައި ބޭރުމަތި ބަލިކުރާށެވެ.