ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ މަތިންދާ ބޯޓެއް ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭމައްޗަށް ވެއްޓިއްޖެ


އައްޑޫ ފްލައިން ސްކޫލްގެ ތަމްރީނުތަކުގައި ބޭނުންކުރާ މަތިންދާ ބޯޓެއް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންވޭ މައްޗަށް ވެއްޓިއްޖެއެވެ.

އައްޑޫ ސިޓީ ގަމުގައި ހިންގާ އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގެ މި ބޯޓް މިއަދު ހަވީރު ވެއްޓި ހިނގި ހާދިސާގައި އެވަގުތު ބޯޓުގައި ތިބި ދަރިވަރާއި އިންސްޓްރަކްޓަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތުލިބެއެވެ.

ފްލައިން ސްކޫލްގެ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ހިނގި މިހާދިސާއާއިގުޅޭ އެއްވެސް މައުލޫމާތެއް ފްލައިން ސުކޫލް ހިންގާ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އޮގަސްޓްމަހުގެ ތެރޭގައިވެސް އައްޑޫ ފްލައިން ސްކޫލްގެ ބޯޓެއްވަނީ ވެއްޓިފައެވެ. އެ ބޯޓް ވެއްޓުނީ ޝަންގްރިއްލާ ރިސޯޓާ ދިމާއިން ކަނޑަށެވެ. ނަމަވެސް ފްލައިން ސްކޫލުން ބުނީ އެފަހަރު ބޯޓު މޫދަށް ވެއްޓުނީ ނޫންކަމަށާ، ބޯޓުގެ އިންޖީނު ފެއިލްވުމުން އެއަރޕޯޓާއި ހަމައަށް ނުދެވޭނެކަން ޔަޤީންވުމުން ކޮންޓްރޯލް ކޮށްގެން ގޮސް މޫދަށް ޖެއްސީކަމަށެވެ.

އައްޑޫ ފްލައިން ސުކޫލްގެ ތަމްރީނުތަކުގައި ތިން ވަރަކަށް ބޯޓު ބޭނުންކުރާއިރު، މިފަދަ ހާދިސާތައް މަދުންނަމަވެސް އަންނަނީ ހިނގަމުންނެވެ.

ގަމުގައި މިހާރު ފްލައިން ސްކޫލު ހިންގަމުންދާ އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގެ ކޮންޓްރެކްޓް އަންނަ ޖުލައިމަހު ހަމަވާނެއެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެއްބަސްވުން އާކުރަން ހުށަހެޅި ކުލި ބޮޑު ކަމަށް ބުނެ، އެފަރާތުން ދަނީ ނ.މާފަރަށް ފްލައިން ސްކޫލު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއާއެކު އައްޑޫގައި ފްލައިންސްކޫލް ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީންވަނީ ދެފަހަރުމަތިން އިޢުލާންކޮށްފައެވެ.