އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ކްލަބު ރިވެރިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރި އިރު، އެފްސީ ޒެފިއާ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
މިދެޓީމު ބައްދަލުކުރި މެޗު ކްލަބު ރިވެރިން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ. މިމެޗު ކްލަބް ރިވެރިން ކޮންޓްރޯލްކޮށްގެން ކުޅެފައިވާއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން އަލްފާފްއެވެ. އަދި ފުރަތަމަ ހާފުގައި އޭނާ ވަނީ އިތުރު 2 ލަނޑު ޖަހައި ރިވެރިން ޓީމަށް ހެޓްރިކް ހަދައި ދީފައެވެ. ދެވަނަ ލަނޑު 26 ވަނަ މިނެޓުއި އަލްފާފް ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ޒެފިއާ އިން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށް ރިވެރިންގެ ގޯލަށް ނުރައްކާ ކުރިއެވެ. ނަމަވެސް މިހާފުގައިވެސް ރިވެރިން އިން ވަނީ އިތުރު ދެ ލަނޑު ޖަހާ ދެޓީމުގެ ފަރަޤު ބޮޑު ކޮށްފައެވެ. އެގޮތުން ރިވެރިންގެ ތިންވަނަ ލަނޑު ހަސަން އައިކް ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ދާނިޝްއެވެ.
މި މެޗުގައި ޒެފިއާއަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރެވުނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީމާން ނަޒީރުއެވެ. އަދި ދެވަނަ ލަނޑު މުހައްމަދު އިމްޝާލް ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓުގައެވެ.
މިނަތީޖާ އާއި އެކު ޒެފިއާ މިމުބާރާތުގެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުން މިވަނީ ކަޓާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ރިވެރިންގެ ކޯޗު ޙަސަން ރަޝީދު ބުނީ، މިމެޗުގައި ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ނުލައި ކުޅުނު ނަމަވެސް ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވުމުން ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް މެޗުން މޮޅުވެ ސެމީގައި ކުޅެން ބޭނުންވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށެވެ.
މެޗާއި ގުޅިގެން ޒެފިއާއިން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އެޓީމުން މީގެ ކުރިން ވަނީ މިމުބާރާތުގައި އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ 11 ސައިޑް ފުޓުބޯޅައަށް އެހާ ބޮޑަށް ތައްޔާރު ވެފައި ނެތުން ކަން އެޓީމުން ވަނީ ފާހަގަކުރިއެވެ.