ވިޔަފާރި

ގިޓަރިސްޓް ލޫކާ ސްޓްރިކަޔޯރީއާގެ ވޯކްޝޮޕެއް ހާޑްރޮކް ކެފޭގައި ކުރިޔަށް ގެންގޮސްފި


ހާޑް ރޮކް ކެފޭ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އިޓަލީގެ ގިޓަރިސްޓް ލޫކާ ސްޓްރިކަޔޯރީއާއެކު ހާއްސަ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ދިވެހި ފަންނާނުންނަށް ހާޢްސަކޮށް ބޭއްވި ވޯކްޝޮޕެކެވެ. އަދި މިއީ ހާޑް ރޮކް ކެފޭއިން އަލަށް ފަށާފައިވާ ސިލްސިލާ ވޯކްޝޮޕްތަކުގެ ތެރެއިން ފުރަތަމަ ވޯކްޝޮޕެވެ.

ހާޑް ރޮކް ކެފޭއިން މައުލޫމާތުދޭގޮތުގައި މިއީ ދިވެހި ފަންނާނުންނަށް ބޭރުގެ މަޝްހޫރު ފަންނާނުންގެ ހުނަރުތައް ދައްކާލައި، އެފަދަ ފަންނާނުންގެ އުކުޅުތައް ދަސްކުރުމަށް ފުރުސަތު ދިނުމަށް ކުރިޔަށްގެންދާ ވޯކްޝޮޕްތަކެއްކަމަށެވެ.

ފުރަތަމަ ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދިން އިޓަލީގެ މަޝްހޫރު ގިޓަރިސްޓް ލޫކާ ސްޓްރިކަޔޯރީ ވަނީ ގިޓާކުޅުމުގައި ގެންގުޅެވޭނެ އުކުޅުތައް ދައްކާލާފައެވެ. ލޫކާއަކީ ހާއްސަކޮށް ޔޫޓިއުބްގައި އެކޯސްޓިކް ގިޓާ ބޭނުންކޮށްގެން އެކި ލަވަތަކުގެ ކަވަރ ތައްޔާރުކުރާ ފަންނާނެކެވެ.

މިވޯކްޝޮޕްގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި އަލަށް އެ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައިވާ ފަންނާނުން ބައިވެރިވިއެވެ. ހާޑް ރޮކް ކެފޭއިން ބުނީ ކުރިޔަށް އޮތްތަނުގައި މީގެއިތުރު ވޯކްޝޮޕްތައް ކުރިއަށްގެންދާނެކަމަށެވެ.