ޚަބަރު

އައްޑޫގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އައްޑޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެތެރެއިން ހިތަދޫއާއި މީދޫގައި މިހާތަނަށް ދޫނުކުރެވިހުރި ފްލެޓްތަށް ދޫކުރުމަށް އިޢުލާން ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިޢުލާނުގައި ވަނީ، މިފްލެޓްތަކަކީ ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސް ކުރާ އުސޫލުން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ. އެގޮތުން ހުޅުދޫގައި ޢިމާރާތްކުރާ ސާޅީސް އަށް ފްލެޓުގެ ތެރެއިން މިގޮތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ނުވަ ފްލެޓެވެ. އަދި ހިތަދޫގައި ޢިމާރާތްކޮށްފައިވާ ސުއިސައްތަ ފަސްދޮޅަސް ހަތަރު ފްލެޓުގެ ތެރެއިން މިގޮތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ބައްތިރީސް ފްލެޓެވެ.

ހިތަދޫއިން ދޫ ކުރަނީ "ޑީ"ކެޓަގަރީގެ ފްލެޓްތައް. އަދި ހުޅުދޫއިން ދޫކުރަނީ "ސީ" ކެޓަގަރީގެ ފްލެޓްތަކެވެ. މިފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހިތަދޫ ފްލެޓްތަކަށް ކުރިމަތި ލެވޭނީ، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގެ ރައްޔިތުން އެކަނި. ހުޅުދޫ ފްލެޓްތަކަށް ކުރިމަތި ލެވޭނީ ހޫޅުދޫ އަދި މީދޫގެ ރައްޔިތުންނެވެ.

މިފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި ނަވާރަ ހާސް ރުފިޔާ ދައްކަން ޖެހޭއިރު، ފަންސަވީސް އަހަރަށް ބަހާލައިގެން ފްލެޓަކަށް ތިން ހާސް، އަދި މެއިންޓެނެންސް ފީގެ ގޮތުގައި ފަސް ސަތޭކަ ފަންސާސް ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ ސޯޅަވަނަ ދުހުގެ ނިޔަލަށް އޮންނާނެއެވެ.

އައްޑޫސިޓީގެ ފްލެޓްތަކަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ، 2017ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. އޭރު ހުޅުވާލާފައިވަނީ ހިތަދޫއިން "އޭ" "ބީ" އަދި "ސީ" ކެޓަގަރީގެ ފްލެޓްތަކާއި، ހުޅުދޫއިން "އޭ" އާއި "ބީ" ކެޓަގަރީގެ ފްލެޓްތަކެވެ. ނަމަވެސް ފްލެޓްތަކަށް ދެވޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވި ގިނަ ދުވަސްތަކެއްވެ ފްލެޓްތަކުގެ ހައްގުވެރިންނާ ފްލެޓްތައް ޙަވާލު ނުކުރެވި ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. މިކަންކަން ޙައްލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފްލެޓްތަށް ޙަވާލުކޮށް، ޑިސެމްބަރު މަހުގެ ފަހުކޮޅު ފްލެޓްތަކަށް މީހުން ވަންނަންވަނީ ފަށާފައެވެ.

މިސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫގައި ފަނަރަ ސަތޭކަ ހައުސިން ޔުނިޓު ޢިމާރާތްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ އޮގަސްޓް މަހު ވަނީ ހުޅުވާލާފައެވެ. އައްޑޫގައި އެންމެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔައީ 2012އަހުރުއެވެ. އޭރު ފޭދޫގައި ޢިމާރާތް ކުރި ފަންސަވީސް ހައުސިންގް ޔުނިޓުގައި މިހާރު މީހުން ދިރިއުޅެއެވެ.