ކުޅިވަރު

އައްޑޫ ފުޓުބޯޅަ މުބާރާތް: ގްރޫޕް އޭ އިން ބޭރުމަތި އަދި ގޯދިއްޔާ ސެމީ ފައިނަލަށް


އައްޑޫ ފުޓުބޯޅަ މުބާރާތުގައި މުލިމަތި ޔުނައިޓެޑް ކަޓުވާލުމަށްފަހު ގޯދިއްޔާ ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި ގޯދިއްޔާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ، މުލިމަތި ޔުނައިޓެޑް އާއި އެފްސީ ބޭރުމަތި ބައްދަލުކުރި މެޗުން މުލިމަތި ބަލިވުމުންނެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ގޯދިއްޔާ އާއި މުލިމައްޗަށް އެއްމެޗުން މޮޅުވެގެން ލިބުނީ 3 ޕޮއިންޓެވެ. ނަމަވެސް ބޭރުމަތި އާއި ދެކޮޅަށް ކުޅުނު މެޗުން މުލިމަތި 0-3 އިން ބަލިވުމާއި އެކު ގޯލު ތަފާތުން މުލިމަތި ގްރޫޕުގެ ފުލަށް ދިޔުމުން، ގޯދިއްޔާ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލަށް މިވަނީ ދަތުރު ކޮށްފައެވެ.

މުލިމަތި އާއި ބޭރުމަތި ބައްދަލުކުރި މެޗުގައި ދެޓީމުން ވެސް ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މި ދެޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ ބޭރުމަތި ޓީމުންނެވެ.

ދެވަނަ ހާފު ފެށުނުތަނާއިހެން ބޭރުމަތީގެ އިބްރާޙިމް ސިރާޖު ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ބޭރުމަތިން މި މެޗުގައި ޖެހި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން އެޓީމުގެ އަހުމަދު ހަބީބް 92 ވަނަ މިނެޓުގައި ލަނޑު ޖެހި އިރު ޒުވާން ކުޅުންތެރިއާ މުހައްމަދު ޒަކުވާން 94 ވަނަ މިނެޓުގައި ވަނީ ލަނޑު ޖަހައި 0-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބޭރުމަތި ޓީމުގެ ކޯޗު އަހުމަދު ނަސިީމް ބުނީ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް ދިއުމުން ހިތްހަމަޖެހޭ ކަމަށެވެ. ނަސީމް ބުނީ ގްރޫޕް ބީ އިން ސެމީއަށްދާ ކޮންމެ ޓީމަކާއި ޖެހުނަސް ސެމީ ފައިނަލް މެޗު ޗެލެންޖިންގް މެޗަކަށްވާނެ ކަމަށެވެ.

މުލިމަތި ޓީމުގެ ކޯޗު އަހުމަދު ރަޝީދު ބުނީ، މިމެޗުން ބަލިވެގެން ދިޔައި މިސްޓޭކްސް ހެދިގެން ކަމަށާއި، ނަމަވެސް މިފަދަ މުބާރާތެއްގައި މިހާ ޒުވާން ޓީމަކާއި އެކު މިހާހިސާބަށް އައުމަކީ ރަނގަޅު މިންވަރެއް ކަމަށެވެ. އަދި ދެން މުބާރާތަކަށް މިއަށް ވުރެ ރަނގަޅަށް ތައްޔާރުވެ ކުރިމަތިލާނެ ކަމަށް އޭނާ ބުންޏެވެ.

މި ނަތީޖާގެ ސަބަބުން ބޭރުމަތި އަދި މުލިމަތި ވާދަ ކުރަން ޖެހޭނީ، ގްރޫޕް ބީ ގެ އެއްވަނަ އަދި ދެވަނަ ޓީމާއިއެވެ. ގްރޫޕުގެ އެވަނަ އަދި ދެވަނަ ކަށަވަރު ވެގެން ދާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރިވެރިން އާއި ފޭދޫ ސްޕޯޓްސް ވާދަ ކުރާ މެޗަށް ފަހުއެވެ.