ވިޔަފާރި

ގޭދޮށު މަސްޕްލާންޓުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިއުލާންކޮށްފި


އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރާ ގޭދޮށު މަސްޕްލާންޓުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އައްޑޫގައި ޤާއިމު ކުރާ ގޭދޮށު މަސްޕްލާންޓް ޤާއިމު ކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިޢުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފަހުކޮޅުގައެވެ. އެފަހަރު އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް މިމަހުގެ 6 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ކުރި އިއުލާންވެސް ބާތިލު ކުރީ، އެންމެ ފަރާތަކުން ކުރިމަތިލުމުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމަށް 3 ވަނަ އިޢުލާންކޮށްފައިވާއިރު، ބިޑް ގަތުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެކަމަށާއި އަދި ބިޑް ހުށަހެޅުމާއި ބަލައިގަތުން 15 ވަނަ ދުވަހު 1:00 ގައި ސިޓީ ކައުންސިލު ހޯލުގައި ކުރިއަށްދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓްތަކަކީ، އައްޑޫއިން މަސްކިރާ، ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ތައްޔާރުކުރާ ތަންތަނެވެ. މީގެ އިތުރުން 20 ޓަން އައިސް އުފައްދާ 10 ޓަނުގެ މަސް މިޕްލާންޓުތަކުގައި ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓު ތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދު މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.