ޚަބަރު

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާ-އެޑިއުކޭޝަން މިނިސްޓަރ


ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހިންގާ ކަމުގެ މަޢުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިގޮތަށް އެދިވަޑައިގެންފައިމިވަނީ ވެކްސިން ނުޖެހި ނަމަވެސް ސްކޫލަށް ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ޑރ. އަޙުމަދު ފައިސަލް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވަނީ އެފަދަ މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ފެތުރުމަކީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެއިތުރުން ޑރ. ފައިސަލްގެ އަތުގައި އެފަދަ މައުލޫމާތެއް ހުރިނަމަ އެކަން ހިއްސާކުރުމަކީ ބަލައިގަންނާނެ ކަމެއްކަމަށާއި އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ.

ދޮޅު އަހަރެއްހާ ދުވަސް ފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވާތީ އާންމުން ކަންބޮޑުވެ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ސުވާލުތައް އަންނަނީ ކުރަމުންނެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ނުޖެހި ނަމަވެސް ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރިކަމަށެވެ.

މިނިސްޓަރުގެ ޓްވީޓަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ އެއީ ކޮން ސުކޫލެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައްޑޫގެ ވެކްސިން ޖެހުމާއި ހަވާލުވެ ތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އެގޮތުން އެ މައުލޫމާތު މިދިޔަ އަހަރުގެ ތެރޭގައި އައްޑޫއަށް ކުރެއްވި ދަތުރެއްގައި ހިއްސާކުރެއްވީ އެބޭފުޅުން ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ހިމަބިއްސަށް ޝައްކުކުރެވޭ އިތުރު ކުއްޖަކު މިހާރު ވަނީ ފެނިފައެވެ. ހިމަބިއްސަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ 3 އަހަރުގެ ކުއްޖެއް މާލެއިން ފެނިފައިވާކަމަށާއި މި ކުއްޖާއަކީ ވެކްސިން ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.