ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކޮށްފިއެވެ. ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު ޢީދު އިންޑިއާގެ އިރުމަތީ އާސާމްގައި ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ ދިހަޔަކުން ވިއްސަށެވެ.
ސައުތު އޭޝިއަން ސްޕޯޓްސް ކައުންސިލުން ބޭއްވި މަޝްވަރާތަކަށްފަހު ގޭމްސް ޖެނުއަރީ މަހު ބާއްވަން ނިންމާފައިވަނީ ޑިސެމްބަރު މަހު ގޭމްސް ބާއްވާ ނަމަ އެސަރަހައްދަށް ފިނި ވާނެތީ ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވިދާޅުވިއެވެ. އަދި ޖެނުއަރީ މަހު ގޭމްސް ބޭއްވުމަށް ހުރިހާ ޤައުމަކުން ތާޢީދުކޮށްފައިވާ ކަމަށްވެސް މަރުޒޫޤު ވިދާޅުވިއެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސް ކުރިއަށްދާނީ އިންޑިއާގެ އާސާމްގެ ގުވާހަޓީ އަދި ޝިލޯންގައެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބާއްވާފައިވަނީ ދެހާސް ދިހަވަނަ އަހަރު ބަނގްލަދޭޝްގައެވެ. މަރުޒޫޤު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުތަކަށް މެޑެލް ހޯދޭނެ ގޭމްސްއެއް ކަމަށާއި ކުރިއަށް މިއޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާން ފަށާނެ ކަމަށެވެ.