ގަވާއިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އައްޑޫ ސިޓީގައި ފަށައިފިއެވެ.
ގަވައިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން މިޕްރޮގްރާމުގައި ބައިވެރިވުމަށް އެޕޮއިންޓްމެންޓު ހެދުމުގެ ފުރުސަތު ސިޓީ ކައުންސިލުން މިދިޔަ ހަފްތާ ތެރޭގައި ވަނީ ހުޅުވާލާފައެވެ. އެގޮތުން މިޕްރޮގްރާމުގެ ތެރެއިން ރެޖިސްޓްރޭޝަން މާލެ ސަރަހައްދުން ބޭރުގައި އެންމެ ފުރަތަމަ ފަށާފައި ވަނީ އައްޑޫސިޓީގައެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މަޢުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާހީމް ވިދާޅުވީ، އައްޑޫގައި މިހާރު ކުރިއަށްދަނީ، އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކުގެ އިން ޕާސަން ވެރިފިކޭޝަން އަދި ރެޖިސްޓްރޭޝަން ކަމަށެވެ.
އަތޮޅު ތަކުގައި މިޕްރޮގްރާމު ކުރިއަށް ގެންދަނީ، އެ އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލު މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަތޮޅެއްގެވެސް ވެރިކަން ކުރާ ރަށުގައި މިނިސްޓްރީގެ މުވައްޒަފުން ރެޖިސްޓްރޭޝަން ކުރިއަށް ގެންދާ އިރު، ރެޖިސްޓްރޭޝަން އެޕޮއިންޓްމެންޓް އެރަށެއްގެ ނުވަތަ އަތޮޅު ކައުންސިލު މެދުވެރިކޮށް ކުރިއަށް ގެންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅެއްގައިވެސް ރެޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ވެރިކަން ކުރާ ރަށުގައި ކަމަށާއި، އަދި އަތޮޅުގެ އެހެން ރައްތަކުން ވެސް އެޕޮއިންޓްމެންޓް ހަދައިގެން ރެޖިސްޓްރޭޝަން ބައި ވެރިކަން ކުރާ ރަށުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިވަގުތު އެހެން ރަށްތަކުގައި ރެޖިސްޓްރޭޝަން ކުރިއަށް ގެންދަން ނިންމާފައި ނުވާ ކަން ފާހަގަ ކުރައްވައި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާހީމް ވިދާޅުވީ، އެކަމަށް އެދޭ ފަރާތްތައް ރަށްރަށުގައި ތިބިނަމަ އެކަން އެރަށެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި ކޮންމެ ރަށެއްގައި މިނިސްޓްރީގެ ބޭފުޅުން 8 ދުވަސް މަޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ ކުޅުދުއްފުށީގައި އާއި އައްޑޫގައި ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ރެޖިސްޓްރޭޝަން ކުރިއަށް ގެންދަން ހަމަ ޖެހިފައިވަނީ ފުވައްމުލަކު ސިޓީގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އައްޑޫގައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިހާރު ރެޖިސްޓްރޭޝަން ފަށާފައިވާއިރު، އައްޑޫގެ ގުޅިފައިވާ ރައްތަކުންވެސް މިޕްރޮގްރާމުގައި ބިދޭސީން ބައިވެރިވެފައި ވާކަން ފާހަގަ ކުރެވެއެވެ. އިކޮނޮމިކް މިނިސްޓްރީ ވިދާޅުވި ގޮތުގައި މިޕްރޮގްރާމުގައި ބައިވެރިން އަދަދު އެނގިގެންދާނީ ރެޖިސްޓްރޭޝަން ބައި ނިމިގެންދާއިރު ކަމަށެވެ.